ރާއްޖޭގެ މޫސުން އިތުރަށް ގޯސްވުމާއެކު، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ. މެޓް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ހައ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން އިރުއޮއްސި 19:00އާ ހަމައަށެވެ. މީގެއިތުރުން، މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މި ވިއްސާރައިގައި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓު އޮފީހުން ހާމަކުރިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މައުލޫމާތުދީފައިވެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އާންމުކޮށް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިއްސާރަ ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގެ މިންގަނޑެއްގައި ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ. މިފަދަ ހާލަތްތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފަވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށެވެ. އެ ރަށަށް 85.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. މީގެއިތުރުން ބ. ތުޅާދޫއަށް 70.2 މިލިމީޓަރުގެ ވާރޭ، މ. މުޔަށް 62.6 މިލިމީޓަރުގެ ވާރޭ، އަދި އެހެން ބައެއް ރަށްރަށަށްވެސް ގިނަ އަދަދަކަށް ވާރޭވެހިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ހުޅަނގު މޫސުން ވަރަށް ބޮޑަށް ބާރު ވާގޮތް މެދުވެރިވެ، ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އެގޮތުން ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެންވަދެ މުދަލަށް ގެއްލުން ލިބުމާއި، ކަރަންޓު ކެނޑުމާއި ގަސް ވެއްޓުންފަދަ ހާދިސާތައް ހިނގާފައިވާއިރު، ރައްޔިތުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ގޮވާލާފައިފިއެވެ.






