ގްރޭޓަރ މާލެ ސަރަހައްދުގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަން، ހޯމް މިނިސްޓަރ އަލީ އިހްސާން ރޭ ބައްލަވާލައްވައި، ފްރަންޓްލައިންގައި މަސައްކަތްކުރާ އޮފިސަރުންނަށް ހިތްވަރު ދެއްވައިފިއެވެ.
މި އޮޕަރޭޝަނުގައި ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ ބާރު ސްޕީޑުގައި ދުއްވުމާއި، ޒިގްޒެގްކޮށް ދުއްވުމާއި، ސައިލެންސަރު އަޑުގަދަކޮށްގެން ދުއްވުމާއި، ހުއްދަ ނުނަގައި ރޭސްޖެހުމާއި، މަސްތުގެ ހާލަތުގައި ދުއްވުމާއި ފުލުހުން މަޑުކުރަން އެންގުމުން ފިލަން މަސައްކަތްކުރާ ފަރާތްތަކާމެދުގައެވެ. މި ހަރަކާތްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހުޅުމާލޭގެ މަގުތަކަށާއި، ސިނަމާލެ ބްރިޖާއި، މާލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭއަށެވެ. ނަމަވެސް މުޅި ގްރޭޓަރ މާލެ ސަރަހައްދު ހިމެނޭހެން މި އޮޕަރޭޝަން ކުރިއަށްދާނެއެވެ.
ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތުންނަށް އަމާންކަމާއެކު މަގުތައް ބޭނުންކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ފަށާފައިވާ މި އޮޕަރޭޝަން، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުވަންދެން މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މަސައްކަތްތައް ކުރިއަށްދަނީ އޮކްޓޫބަރު 1 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.





