މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރުގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާއާއެކު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ރެއިން ފެށިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ބަލައިފާސްކޮށްފައިވަނީ އެ ގޭގެ ފުރަތަމަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް ވިދާޅުވީ، މިއީ އިންޓެލިޖެންސް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ހިންގުނު ކާމިޔާބު އޮޕަރޭޝަނެއް ކަމަށާއި، މި ނެޓްވޯކްގެ ތެރެއިން މާލެތެރޭގައި ބަނގުރާ ފޯރުކޮށްދޭ މައިގަނޑު ފަރާތްތައް ދެނެގަނެވިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެފައިވެއެވެ.






