ދިވެހި ފުލުހުންގެ ހިދުމަތަށް އަލަށް ގުޅުނު 133 ފުލުހުން ހުވާކޮށްފިއެވެ. އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތުގައި އަލަށް ގުޅުނު ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒް މުހައްމަދު ނިޝާތުއެވެ. މި ރަސްމިއްޔާތުގައި، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދުއާއި، ސާވިސް ޑިވެލޮޕްމަންޓް ޑެޕިއުޓީ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޒީމް ވަހީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ހުވާކުރުމުގެ މަރުހަލާ ފުރިހަމަކުރުމަށްފަހު، އެ ފުލުހުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކުރުމުގެ މަސައްކަތްވެސް ފުރިހަމަކޮށްފައެވެ.
މި ރަސްމިއްޔާތުގައި ހުވާކުރި 133 ފުލުހުންގެ ތެރޭގައި ސްޕެޝަލް ކޮންސްޓެބުލަރީގެ 64 ފުލުހުން ހިމެނެއެވެ. މިއީ މުޖުތަމައުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަތިވެރި މަސްއޫލިއްޔަތާ ހަވާލުވުމަށްޓަކައި އަލަށް ގުޅުނު ފުލުހުން އަދާކުރި މުހިންމު ވާޖިބެކެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދު ވިދާޅުވީ، "ހުވައަކީ ހަމައެކަނި ދުލުން ބުނެލާ ބަސްތަކެއްނޫން" ކަމަށެވެ. އަދި އެއީ ދެދުނިޔެ ހަލްގު ކުރެއްވި މާތް ﷲ ހެކިކޮށް، އެކަލާންގެ ކުޅަދުންވަންތަކަން އިގުރާރުވެ ހުރެ، އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކުރާ ވަރަށް މަތިވެރި އަހުދެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ހުވައެއް ކުރުމަށްފަހު އެއަށް ހިޔާނާތްތެރިވުމަކީ ދީނީގޮތުންނާއި އަހުލާގީގޮތުން ބަލާއިރުވެސް އިންސާނަކަށްވެވޭނެ އެންމެ ބޮޑު އެއް ޣާފިލުކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް ގައުމުގެ އަމަންއަމާންކަން ބެލެހެއްޓުމުގެ މަތިވެރި ޒިންމާ އަދާކުރާ ފުލުހުންގެ ދައުރަށް ބަލާއިރު، ހުވާގެ މުހިންމުކަން ވަކިން ބޮޑަށް ހާމަވެގެންދާކަމަށްވެސް އެސިސްޓެންޓް ކޮމިޝަނަރ ވިދާޅުވިއެވެ.
އޭގެ އިތުރުން ފުލުހެއްގެ ޔުނިފޯމް އަޅައިގެން މުޖުތަމައުގެ ރައްކާތެރިކަމަށް ނުކުންނަ ކޮންމެ ވަގުތަކީ ކުރެވުނު މަތިވެރި ހުވާ ހަނދާނަށް ގެންނަންޖެހޭ ވަގުތެއް ކަމަށާއި، އެއީ އަދުލުއިންސާފު ގާއިމުކުރުމަށާއި ގައުމާއި ރައްޔިތުންގެ ހައްގުގައި ފުރާނައިން ގުރުބާންވާން ތައްޔާރަށް ތިބިކަން ބަޔާންކޮށްފައިވާ ހުވަހެއް ކަމަށް ވިދާޅުވިއެވެ. ވަޒީފާގެ ވާޖިބު އަދާކުރުމުގައި ވަކި ފަރާތަކަށްނުޖެހި، ތެދުވެރިކަމާއެކު ހުވާގެ މަތީ ދެމިތިބެގެން މެނުވީ ރައްޔިތުންގެ އިތުބާރާއި ލޯބި ނުހޯދޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.





