ސްރީލަންކާ ޕޮލިސްގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ކުރިއަށްގެންދާ، އަށް ހަފުތާގެ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރާ ފުލުހުންނާ ބައްދަލުކުރުމަށް އިސްކަންދަރު ބިލްޑިންގގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަނެވެ. މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުންނާއި، މި ތަމްރީނަށް ހޮވިފައިވާ 36 ފުލުހުން ބައިވެރިވިއެވެ.
އަންނަ ނޮވެމްބަރު މަހުގެ 2 އިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމަކީ، ދެ ޤައުމުގެ ފުލުހުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ތަމްރީނުގެ ދާއިރާއިން އެއްބާރުލުން ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވި ގޮތުގައި، 13 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ދިވެހި ފުލުހުންނަށް މިފަދަ ތަމްރީނު ފުރުޞަތެއް އަލުން ފަހިވެގެންދިއުމަކީ، ފުލުހުންގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މި ފުރުޞަތު ފަހިކޮށްދެއްވި ކަމަށްޓަކައި ސްރީލަންކާ ސަރުކާރަށާއި، އެ ޤައުމުގެ އެސްޓީއެފްގެ އިތުރުން ސަފީރު މުޙައްމަދު ރިޒްވީ ޙަސަން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، ތަމްރީނު ފުރިހަމަކުރާއިރު ސާބިތުކަމާއެކު އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ޕްރޮފެޝަނަލިޒަމާއި ޑިސިޕްލިން އެންމެ މަތީ ދަރަޖައިގައި ބެހެއްޓުމަށް ކޮމިޝަނަރ އިރުޝާދު ދެއްވިއެވެ. އަދި މުދައްރިބުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކޮށް، އެކަކު އަނެކަކަށް އެއްބާރުލުންދީގެން ވަރުގަދަ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް މި ތަމްރީނު ކާމިޔާބުކަމާއެކު ނިންމާލުމަށް ވެސް ކޮމިޝަނަރ ބާރުއެޅުއްވިއެވެ.






