ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރެއްވުމަށާއި، ގައުމަށް ދިމާވާ އެކިއެކި މުހިންމު ކަންކަމުގައި މަޝްވަރާ ހޯއްދެވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" މިއަދު ރަސްމީކޮށް އެކުލަވާލައްވައިފި އެވެ. މި މަޖިލީހުގެ އެންމެ އިސްވެރިއެއްގެ ގޮތުން ރިޔާސަތު ބަލަހައްޓަވާނީ ހުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް އޮފީހުން ބުނީ، މި މަޖިލީހަކީ ގައުމުގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށާއި، ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާ މިސްރާބަކަށް ގެންދިއުމަށްޓަކައި އުފެއްދެވި މަޖިލީހެކެވެ. އަދި ގައުމީ ބޮޑެތި މައްސަލަތަކާއި، ގައުމަށް ކުރިމަތިވާ އެކިއެކި ކަންކަމާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންފުޅުވާ އެންމެ މަތީ ލަފާ އެރުވުމަކީ މި މަޖިލީހުގެ މައިގަނޑު މަގްސަދެވެ.
މި މަޖިލިސް އެކުލަވާލައްވާފައިވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކުރައްވައި، ގައުމީ ފެންވަރުގެ މަތީ ޝަރަފުތަކާއި އިއްޒަތް ހާސިލުކުރައްވާފައިވާ ތަޖުރިބާކާރު 12 ބޭފުޅެއްގެ މައްޗަށެވެ. އެ ބޭފުޅުންނަކީ:
- ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ކަމާލުއްދީން (މއ. އާނުވެލި)
- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް (މ. ސިލްވަރކްލައުޑް)
- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިން (މއ. އުރަހަ)
- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު (މ. ލޮނުވެލި)
- ނިޝާން އަސްކަރީގެ ވެރިޔާ މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލް (ހ. ރާޅާހާ)
- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑޮކްޓަރު މުހައްމަދު ލަތީފު (މއ. ކިނބި)
- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ހ. މީރުބަހުރުގޭއާގެ)
- ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާއިލް އަލީ (މ. މަޚްމާވިލާ)
- ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަހްމަދު ނަސީމް (ހ. ހިކިފިނިފެންމާގެ)
- ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ބަދުރުއްނަސީރު (މއ. ވިލުވެލި)
- ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އާދަމް އަބްދުއްރަހްމާނު (އަލިމަސްގެ / ހއ. އުތީމު)
- ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަހްމަދު ޝާކިރު (މއ. ކަށިމާ)
ގައުމުގެ އިސް ސަފުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ މިފަދަ ހާއްސަ މަޝްވަރާ މަޖިލީހެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ އިއުލާން ކުރެއްވީ، މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މިއަދު މި އެކުލަވާލެވުނު މަޖިލީހަކީ އެ ވައުދުފުޅާ އެއްގޮތަށް، ގައުމުގެ މުހިންމު ނިންމުންތަކުގައި ތަޖުރިބާކާރުންގެ ބަސް ހޯއްދެވުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.





