ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމުގެ ބާރު ބޭރުގެ އެއްވެސް ފަރާތަކަށް ދިވެހި ސަރުކާރުން ނުދޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ހާމަކޮށްފިއެވެ.
ސަރުކާރުން ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ސަރަހައްދާއި ދައުލަތުގެ ސިޔާދަތަކީ ގައުމުގެ މިނިވަންކަން އެމައްޗަށް ބަރޯސާވާ، ބަދަލުނުކުރެވޭނޭ ދިވެހި ރައްޔިތުންގެ ޙައްޤެކެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި، ހާއްސަ އިގްތިސާދު ސަރަހައްދު (އީ.އީ.ޒެޑް) ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ޤާނޫނުއަސާސީން ސީދާ ދިވެހި ދައުލަތާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށްވެސް ބަޔާނުގައި ވެއެވެ. މި ޒިންމާ ފަހުރުވެރިކަމާއެކު އަދާކުރުމުގައި ދިވެހިން ދެމިތިބިކަން ތާރީހުން ސާބިތުވާކަންވެސް ސަރުކާރުން ހަނދާންކޮށްދެއްވިއެވެ.
ރާއްޖެ އުފެދިފައިވާ ޖިއޮގްރަފީގެ ގޮތުން މިއީ އިސްތިރާތީޖީ ވަރަށް މުހިންމު ސަރަޙައްދެއްކަން ފާހަގަކުރައްވަމުން ސަރުކާރުން ވިދާޅުވީ، ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ބޮޑު އިންސައްތައެއް ދަތުރުކުރަނީ ރާއްޖޭގެ ސަރަހައްދީ ކަނޑުއޮޅިތަކުން ކަމަށެވެ. އެހެންކަމުން، މި ސަރަޙައްދު އަމާންކަމާއެކު ބެލެހެއްޓުމަކީ މުޅި ސަރަހައްދާއި ދުނިޔޭގެ ހަމަޖެހުމަށް ރާއްޖެއިން ޒަމާނުއްސުރެ ވެދޭ އަގުހުރި ހިދުމަތެއް ކަމުގައި ބަޔާނުގައި ބަޔާންކުރައްވާފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ސަރަހައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުން ބޭރުގެ ފަރާތްތަކާ ހަވާލުނުކުރުމަކީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ އެންމެ އަސާސީ އެއް ސިޔާސަތު ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ކަމަކަށް ފުރުސަތު ދީފިނަމަ، ގައުމުގެ މިނިވަންކަމަށް އުނިކަން އައިސް، މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ނޭދެވޭ އަސަރު ފޯރާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ބަޔާން ނިންމަވާލައްވަމުން ސަރުކާރުން ވަނީ، ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ބާރަކަށް ނުދޭނޭކަމުގެ ޔަގީންކަން ދެއްވައި، މިނޫން ގޮތަކަށް މޭރުންވާނެހެން ބޭރުގެ ނުފޫޒުތަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް ދައުވަތު ނުދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.



