ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ގެ ތެރެއިން ކުރިއަށްގެންދާ "ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު" ގެ ދަށުން، އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ސްކީމެއް ތައާރަފުކޮށް، އެ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.
މި ސްކީމާ ގުޅޭ "އަލަށް ގެދޮރު ގަތުމަށް އެހީ ދޭ (ހެލްޕް-ޓު-ބައި) ސްކީމުގެ އުސޫލު" (އުސޫލު ނަންބަރު: 29-ޖީ/2026) މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. ސަރުކާރުގެ އެހީތެރިކަމާއެކު އަމިއްލަ ގެދޮރު މިލްކުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ތައާރަފުކުރި މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 29 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ.
މި ސްކީމަށް އެދި ހުށަހެޅުމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށްދާނީ "ހިޔާވެހި ޕޯޓަލް" (hiyaavehi.housing.gov.mv) މެދުވެރިކޮށެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ސްކީމުގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޝަރުތުހަމަވާ، އަލަށް ގެދޮރު ގަންނަ ފަރާތްތަކަށެވެ. އެގޮތުން އެހީ ދޫކުރެވޭނެ އެކި ކެޓަގަރީތަކާއި ޝަރުތުތަކުގެ ތަފުސީލު ގެޒެޓުކުރެވިފައިވާ އުސޫލުގައި ހިމަނާފައިވާއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ރަސްމީ އިއުލާނާއެކު އާންމުކުރެވޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.



