އިސްލާމްއާބާދު (ޕާކިސްތާން):ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު 20 ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ އެ ގައުމުގެ ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދު ހެނދުނު ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ފަހު، ދެ ގައުމުގެ ދެމެދުގައި މަތީ ފެންވަރުގެ ރަސްމީ މަޝްވަރާތައް ވެސް ވަނީ ބާއްވާފައެވެ.
މިއަދު ސޮއިކުރެވުނު މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި:
- އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބާ ސެކިއުރިޓީ: މި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސެނެޓާ މުހައްމަދު އިސްހާގް ދާރެވެ.
- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން: މަސްތުވާތަކެތި ސްމަގްލް ކުރުމާއި އޭގެ ވިޔަފާރި ހުއްޓުވުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ވަޒީރު އަލީ އިހުސާން ސޮއިކުރެއްވި އިރު، ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ސައްޔިދު މުހުސިން ނަގްވީއެވެ.
- ސިއްހީ ދާއިރާ: ރާއްޖޭގައި މެޑިކަލް ސްކޫލެއް ގާއިމުކުރުމާއި، ސިއްހީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ތިން އެއްބަސްވުމެއްގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލްގެ ބަދަލުގައި، މިނިސްޓްރީގެ އިސް ވެރިއެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި ޓީމުގެ ފަރާތުންނެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު (އެއާ ކަނެކްޓިވިޓީ) އަލުން ފެށުމަށާއި، ދިފާއީ އަދި ކަނޑުމަތީގެ ރައްކާތެރިކަން ވަރުގަދަކުރުމަށާއި، މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ވެސް އެމްއޯޔޫތަކުގައި ސޮއިކުރެވުނެވެ. އަދި އެސްޓީއޯ މެދުވެރިކޮށް ޕާކިސްތާނުގެ ޓްރޭޑިން ކޯޕަރޭޝަނުން ކާބޯތަކެތީގެ ބާވަތްތައް ރާއްޖެ އެތެރެކުރުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. ސާނަވީ އަދި މަތީ ތައުލީމު، ޒުވާނުންނާއި ކުޅިވަރު، ފަތުރުވެރިކަން، ފުލުހުންގެ ތަމްރީނު އަދި ސިވިލް ސާވިސްގެ ދާއިރާއިން ގުޅުން ބަދަހިކުރުން މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެއެވެ.
މި އެމްއޯޔޫތަކާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ޒަމާންވީ އަހުވަންތަ ގުޅުން އާ އުސްމިންތަކަކަށް ވާސިލުވެގެންދާނެ ކަމަށެވެ. އަދި ޕާކިސްތާނުން އަބަދުވެސް ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މީގެ ކުރިން ޕާކިސްތާނަށް ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެހެންކަމުން ރައީސް މުއިއްޒަކީ އެ ގައުމަށް ޒިޔާރަތްކުރެއްވި ރާއްޖޭގެ ތިންވަނަ ރައީސެވެ.
މި ދަތުރުފުޅު ކުރިއަށް މިދަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ. ރާއްޖެއިން ޕާކިސްތާނާއެކު ހާރިޖީ ގުޅުން ގާއިމުކުރީ 26 ޖުލައި 1966 ގައެވެ. މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގައި ތިބި ދިވެހިންނާ ރައީސް ބައްދަލުކުރެއްވުމުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ހާއްސަ ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.




