އައްޑޫ ސިޓީގެ ރަށްތަކަށް ފެން އުފައްދާ އާރްއޯ ޕްލާންޓަށް ދިމާވި މައްސަލަ ޙައްލުކޮށް، އެޮޕަރޭޝަނަށް ގެނެސްފައިވާކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން ބުނެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރްއޯ ޕްލާންޓުގެ ބޯރްހޯލް ޕަންޕަށް މައްސަލައެއް ދިމާވެގެން ފެން ޕްލާންޓް ހުއްޓިފައިވަނީ މިއަދު ހެނދުނު ކަމަށާއި، އެއާއެކު މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.
މިހާރު އެ މައްސަލަ ޙައްލުކޮށް، ފެން ޕްލާންޓް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، ފެނަކައިން ބުނީ މައްސަލަ ޙައްލު ކުރުމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި އައްޑޫގެ އެމްޑަބްލިޔުއެސްސީގެ ފަރާތުން ދެއްވި އަވަސް އެހީތެރިކަން ފާހަގަކުރާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ޙައްލުކުރުމުގައި ކަސްޓަމަރުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރާކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޢިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ އެއް އަހަރުގެ އަޕްގްރޭޑިންގ ޕްރޮޖެކްޓެއް އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްފައެވެ.
އެ ޕްރޮޖެކްޓުގެ ދަށުން އައްޑޫގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލައެއް ދާއިމީ ޙައްލެއް ލިބި، ފެން ރައްކާ ކުރާ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށް ޢިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.









