ސިއްހީ ދާއިރާގެ ހިދުމަތްތެރިންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން އިންތިޒާމުކުރި "އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް" (އައި.ޕީ.ސީ) ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ނޮވެމްބަރު މަހުގެ 22 އިން 26 އަށް ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ ބުރާސްފަތި ދުވަހުގެ ރޭ ރޯޝަނީ ބިލްޑިންގުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މުހައްމަދު މާހިރެވެ.
މި ތަމްރީނު ޕްރޮގްރާމަކީ "މޯލްޑިވްސް ކޮވިޑް-19 އެމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއާޑްނަސް" (އީ.އާރު.އެޗް.އެސް.ޕީ) މަޝްރޫއުގެ ދަށުން، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ މާލީ އެހީތެރިކަމާއެކު، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްއާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ރާއްޖޭގެ 20 އަތޮޅެއްގެ ހޮސްޕިޓަލްތަކުންނާއި، މާލޭ ސަރަހައްދުގެ ސިއްހީ ހިދުމަތްދޭ މުއައްސަސާތައް ހިމެނޭހެން ޖުމްލަ 25 ސިއްހީ ހިދުމަތްތެރިން މި ތަމްރީނުގައި ބައިވެރިވެފައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ "އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން-ސަރވިސް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ކަރިކިއުލަމް" އާ އެއްގޮތަށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގައި ތިއަރީ ބައިތަކުގެ އިތުރުން އަމަލީ ތަމްރީނުތައްވެސް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން މައިކްރޯބަޔޮލޮޖީގެ އަސާސްތަކާއި، ބަލިފެތުރޭ ގޮތްތަކާއި، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ އިތުރުން ރައްކާތެރިކަމުގެ އާލާތްތައް (ޕީ.ޕީ.އީ) ބޭނުންކުރާނެ ގޮތާއި، ހޮސްޕިޓަލް ތެރެއިން ފެތުރޭ އިންފެކްޝަންތަކުން ރައްކާތެރިވުމާ ގުޅޭ މުހިންމު މައުލޫމާތުތައް ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ.
މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، މުޅި ރާއްޖޭގައި އެއް މިންގަނޑެއްގެ އުސޫލުތަކެއް ގާއިމުކުރުމެވެ. އަދި ބަލިމީހުންނާއި ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު އަމާޒެކެވެ. މިއީ ކުރިމަތިވެދާނެ ސިއްހީ ކުއްލި ނުރައްކާތަކަށް ރާއްޖޭގެ ސިއްހީ ނިޒާމު ފުރިހަމައަށް ތައްޔާރުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ތަމްރީނުތައް މެދުވެރިކޮށް ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް، ބަލިމީހުންނަށް ރައްކާތެރި އަދި އިތުބާރުހުރި ހިދުމަތެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.






