ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދިޔަ އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ އިޖުތިމާއީ ތަރައްގީއާ ބެހޭ ކޮމިޓީގެ 9 ވަނަ ސެޝަންގެ ނައިބު މުގައްރިރު ކަމުގެ މަގާމު ދިވެހިރާއްޖެއިން ފުރައިފިއެވެ.
މި މަގާމު ފުރުއްވާފައިވަނީ މި ސެޝަންގައި ބައިވެރިވި ރާއްޖޭގެ ވަފުދުގެ އިސްވެރިޔާ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު ޒީނާޒް އަދުނާނެވެ. ރާއްޖޭގެ ވަފުދުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީގެ އިސް ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސެޝަންގެ ތެރެއިން އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި ފަގީރުކަން ނައްތާލުމާ ގުޅޭ އެޖެންޑާގެ އިތުރުން، އެންމެންގެ ބައިވެރިވުން ހިމެނޭ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކުރުމާއި، ސަރަހައްދީ ފެންވަރުގައި ދުޅަހެޔޮ ދޮށީއުމުރުގެ އާބާދީއެއް ބިނާކުރުމާ ގުޅޭ ބައިގެ ރިޔާސަތު ބަލަހައްޓާފައިވަނީ ދިވެހިރާއްޖެއިންނެވެ.
ސެޝަންގެ މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި ސްޓޭޓް މިނިސްޓަރު ބައިވެރިވެވަޑައިގެން، ފަގީރުކަން ކުޑަކުރުމަށާއި އިޖުތިމާއީ ރައްކާތެރިކަން ގާއިމުކުރުމަށް ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ހިއްސާކުރެއްވިއެވެ. މީގެއިތުރުން، ދޮށީއުމުރުގެ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް އެކުލަވައިލާފައިވާ "ނޭޝަނަލް އޭޖިންގ ޕޮލިސީ" އަދި "ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިންގ 2025-2028" ގެ ދަށުން ކުރިއަށްދާ މަސައްކަތްތައް ފާހަގަކުރައްވައި ރާއްޖޭގެ ބަޔާން އިއްވެވިއެވެ.
ހަމައެއާއެކު، ޔުނިސެފާއި އެސްކެޕް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، "އިބަމަ" ފަދަ އިޖުތިމާއީ ވިއުގަތަކުގެ ޒަރީއާއިން ކުޑަކުދިންގެ ރައްކާތެރިކަމާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ވަނީ ހިއްސާކުރައްވާފައެވެ. އަދި އުޖޫރައަކާ ނުލައި އާއިލީ އަދި މުޖުތަމައުގެ ފެންވަރުގައި އަޅައިލުމުގެ ހިދުމަތްދޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި، އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް ރާއްޖޭގެ ވަފުދުން ބާރުއަޅުއްވާފައިވެއެވެ.
އދ. ގެ އެސްކެޕަކީ ސަރަހައްދީ ގައުމުތަކުގެ މެދުގައި އިގްތިސާދީ އަދި އިޖުތިމާއީ އެއްބާރުލުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދޭ މައި ގޮތްޕެވެ. މިފަދަ ބައިނަލްއަގްވާމީ މުހިންމު މަންސައެއްގެ އިސް ދައުރެއް ރާއްޖެއިން އަދާކުރުމަކީ، އެންމެން ޝާމިލުވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދިޔަ ފުރުސަތެކެވެ. ރާއްޖެއިން ވަނީ ކުރިއަށްއޮތް ތަނުގައިވެސް މި ދާއިރާއިން ސަރަހައްދީ ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގެ އަޒުމު އާކޮށްފައެވެ.






