ރަސްމާލެ މަޝްރޫއު ތަރައްގީކުރާ އަބޫދާބީގެ މަޝްހޫރު ކުންފުނި، އީގަލް ހިލްސްގެ އަމިއްލަ ހަރަދުގައި ދިވެހި އާއިލާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓު އެޅުމަށް ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ދުބާއީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށާއި، މި ބިޔަ މަޝްރޫއުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ބޮޑު މަންފާއެއް ލިބިގެންދާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ވިޔަފާރި އުސޫލުގެ ތަރައްގީތައް ވިއްކައިގެން ލިބޭ ޢާމްދަނީގެ 10 އިންސައްތަ ދިވެހި ދައުލަތަށް ލިބޭއިރު، ހިނގާ ކޮންމެ މުއާމަލާތަކުން 4 އިންސައްތައިގެ ފީއެއް ވެސް ދައުލަތަށް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލަައްބާރު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަލަައްބާރު ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ރީތި ގައުމެއް ކަމަށާއި، އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ފުރިހަމަ މަޝްރޫއެއް ރާއްޖޭގައި ބިނާކުރުން ކަމަށެވެ. އަދި މި މަޝްރޫއުގައި ދުބާއީގެ އެމާރ ކުންފުނިން ވެސް ބައިވެރިވުމުގެ ފުރުސަތު އޮތްއިރު، ރާއްޖޭގެ ކުންފުނިތަކަށާއި އަމިއްލަ ފަރާތްތަކަށް ވެސް އިންވެސްޓް ކުރުމުގެ ދޮރު ހުޅުވިފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއު ނިމި ފުރިހަމަވުމުން، 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދި، އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މި 5،000 ހައުސިން ޔުނިޓު ދޫކުރާނެ އުސޫލާއި، އަގު އަދި ނިންމާނެ ތާވަލެއް ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.









