އެމެރިކާއިން ދުނިޔޭގެ އޯބިޓަށް ނުވަތަ ޖައްވަށް ހަތިޔާރު ފޮނުވާފައިވާ ކަން ފުރަތަމަ ފަހަރަށް އެ ގައުމުން ރަސްމީކޮށް އެއްބަސްވެއްޖެއެވެ. އެމެރިކާގެ ސްޕޭސް ފޯސްއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ދުޝްމަނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކުން އަސްކަރިއްޔާ ދިފާއުކޮށް، ރައްދު ދިނުމުގެ ގޮތުން ޖައްވު ކޮންޓުރޯލު ކުރުމުގެ ފުރިހަމަ ގާބިލުކަން މިހާރު ވަނީ ހޯދާފައެވެ. ސްޕޭސް ފޯސްގެ ތަރުޖަމާނު ވިދާޅުވިގޮތުގައި މި ހަތިޔާރުތަކަކީ ދުޝްމަނުންގެ ހަރަކާތްތަކުން އެމެރިކާ ސަލާމަތްކުރުމުގެ ބާރު ލިބިގެންވާ ވަސީލަތްތަކެކެވެ. ނަމަވެސް، ޖައްވަށް ފޮނުވާފައިވާ ނިޒާމުތަކުގެ ފަންނީ ތަފުސީލާއި، ގާއިމުކުރެވުނު ސީދާ އަދަދެއް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ.

ސްޕޭސް ފޯސްގެ ބަޔާނުގައި ޖައްވީ ދާއިރާ ކޮންޓުރޯލު ކުރުން މާނަކޮށްފައިވަނީ ދުޝްމަނުންގެ އަސްކަރީ ގާބިލުކަމަށް ހުރަސްއެޅުމަށްޓަކައި ހަތިޔާރު ބޭނުންކޮށްގެންނާއި ހަތިޔާރާ ނުލައި ފިޔަވަޅުތައް އެޅުމުގެ މައްޗަށެވެ. އަދި މި ވަސީލަތްތަކަކީ ހަމަލާދިނުމަށާއި ދިފާއުވުމުގެ ބޭނުމުގައި ވެސް ބޭނުންކުރެވިދާނެ ނިޒާމުތަކެއް ކަމަށް އެމެރިކާއިން ބުނެއެވެ. އެމެރިކާއިން މިފަދަ ފިޔަވަޅެއް އަޅަންޖެހުނު މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެ ގައުމުގެ ޖިއޯޕޮލިޓިކަލް މައި ދެ ވާދަވެރިން ކަމަށްވާ ޗައިނާއާއި ރަޝިއާގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތައް ކަމަށްށެވެ. ޖާސޫސީ މައުލޫމާތުތަކަށް ރިއާޔަތްކޮށް އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި، ޗައިނާއިން މިހާރުވެސް ޖައްވުގައި ހަތިޔާރު ގާއިމުކޮށް ކައުންޓަރސްޕޭސް ހަތިޔާރު އުފައްދަމުންދާއިރު، ރަޝިއާއިން ދެކެނީ ޖައްވަކީ ކުރިމަގުގެ ހަނގުރާމަތައް ކާމިޔާބުކުރުމަށްޓަކައި ކޮންމެހެން ބާރުވެރިވާންޖެހޭ މައިދާނެއްގެ ގޮތުގައެވެ.

ޖައްވު އަސްކަރީ ކުރުމުގެ ތާރީހަށް ބަލާއިރު، މި މަސައްކަތްތައް އެންމެ ފުރަތަމަ ފެށިގެން ދިޔައީ 1957 ވަނަ އަހަރު ސްޕަޓްނިކް ޖައްވަށް ފޮނުވާލުމާ ގުޅިގެން، އެމެރިކާއާއި ރަޝިއާއާ ދެމެދު ސެޓެލައިޓުތަކަށް ހަމަލާދީ ހަލާކުކޮށްލުމުގެ ވާދަވެރިކަން އުފެދުނު ހިސާބުންނެވެ. އޭގެފަހުން 1967 ވަނަ އަހަރުު އެކުލަވާލެވުނު ބައިނަލްއަގްވާމީ މުއާހަދާއަކުން ނިއުކްލިޔަރ ހަތިޔާރާއި ފަނާކުރަނިވި ބޮޑެތި ހަތިޔާރުތައް ދުނިޔޭގެ އޯބިޓަށް ފޮނުވުން މަނާކުރިއެވެ. ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އެމެރިކާ، ރަޝިއާ، ޗައިނާ އަދި އިންޑިޔާއިން ދަނީ އެ މުއާހަދާގެ އިމުގެ ބޭރުން ކައުންޓަރ ސްޕޭސް ހަތިޔާރުތައް ތަރައްގީކުރަމުންނެވެ. މިފަދަ ނިޒާމުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ މުވާސަލާތަށާއި، ފާރަލުމަށާއި، އަސްކަރީ ދަތުރުފަތުރުގެ ނެވިގޭޝަނަށް ކޮންމެހެން ބޭނުންވާ މުހިންމު ސެޓެލައިޓުތަކަށް ކަމަށްވެސް ދިރާސާވެރިން ބުނެއެވެ.