ދުނިޔޭގެ އެންމެ ރީތި އަންހެނުން ދިރިއުޅޭ ގައުމުތަކުގެ ގޮތުގައި އެކުލަވައިލި ހާއްސަ ލިސްޓެއްގެ އެއްވަނަ ރަޝިޔާއަށް ލިބިއްޖެއެވެ. ދާދިފަހުން އާންމުކުރި މި ރޭންކިންގގެ ދެވަނަ ވެނެޒުއޭލާއަށް ލިބިފައިވާއިރު، ތިންވަނަ ލިބިފައިވަނީ އިންޑިއާއަށެވެ.
މި ރޭންކިންގް ހިމެނޭ ގޮތަށް އެކުލަވައިލި 20 ގައުމުގެ ލިސްޓު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވާއިރު، މަޝްހޫރު އެކައުންޓެއް ކަމަށްވާ "ވޯލްޑް އޮފް ސްޓެޓިސްޓިކްސް" އިން މި ލިސްޓު ހިއްސާކުރުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ލިބިފައެވެ. މީގެ އިތުރުން ދެކުނު އެފްރިކާގައި ހުންނަ ރަޝިޔާގެ އެމްބަސީން ވެސް ވަނީ މި ލިސްޓު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އެޑިޓޯރިއަލް އުސޫލުން އެކުލަވައިލާފައިވާ މި ލިސްޓުގެ ގަދަ 20 ގައި ޔޫރަޕުގެ 9 ގައުމަކާއި، ލެޓިން އެމެރިކާގެ 4 ގައުމެއް ހިމެނެއެވެ. ލިސްޓުގައި ހިމެނޭ އެހެން ޤައުމުތަކުގެ ތެރޭގައި އާޖެންޓީނާ، ސާބިއާ، ސްވިޑަން، ކޮލަމްބިއާ، ފްރާންސް، އިޓަލީ، ނެދަލަންޑްސް، އެމެރިކާ، ޑެންމާކް، އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، ފިލިޕީންސް، ދެކުނު ކޮރެއާ، ތުރުކީ، ބްރެޒިލް އަދި ޔޫކްރެއިން ހިމެނެއެވެ.
މި ލިސްޓުގައި ޤައުމުތައް ހިމަނާފައިވަނީ އާންމުކޮށް މީހުންގެ މެދުގައި ދެކެވޭ ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން ރަޝިޔާގެ އަންހެނުންގެ ހަންގަނޑު އަލިވެފައި ހަށިގަނޑު ރީތިވުމާއި، ބައިނަލްއަޤްވާމީ ރީތީގެ މުބާރާތްތަކުގައި ވެނެޒުއޭލާގެ އަންހެނުން ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށްފައިވެއެވެ.
މައިޓުއަރ.ވީއެންއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ އެއްވެސް އިލްމީ ދިރާސާއެއް، ސާވޭއެއް ނުވަތަ ޕޯލެއްގެ މައްޗަށް ބިނާކޮށް އެކުލަވައިލާފައިވާ ލިސްޓެއް ނޫނެވެ. އަދި ރީތިކަމަކީ ކޮންމެ މީހެއްގެ ނަޒަރުގައި ވެސް ތަފާތު އެއްޗެއްކަން މި ލިސްޓާއެކު ފާހަގަކޮށްފައިވެއެވެ.
މި ލިސްޓާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާއިރު، ފެޝަން އަދި މޮޑެލިންގ ދާއިރާގައި ކުރިއަރާފައިވާ ޔޫރަޕުގެ ބައެއް ގައުމުތަކަށްވުރެ ކުރިން އިންޑިއާއަށް ތިންވަނަ ލިބިފައިވާތީ ބައެއް ފަރާތްތަކުން ވަނީ އެކަމާމެދު ސުވާލު އުފައްދާފައެވެ.





