ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމާއި، ގައުމީ ސަލާމަތާއި އަދި އިގްތިސާދީ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ވޭތުވެދިޔަ ސަރުކާރުތަކުން އިހުމާލުވުމުގެ ސަބަބުން ގައުމުގައި އާލާވެފައިވާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށް ރިސޯޓް ލައިފްގެ މެނޭޖިން ޑިރެކްޓަރު ޝާޒް ވަލީދު ފާހަގަކުރައްވައިފިއެވެ.
ގައުމުގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ އަސްލަކީ ގާނޫނީ އިމުގެ ތެރެއިން ހިންގާ ފަތުރުވެރިކަމުގެ ސިނާއަތް ނޫންކަން ފާހަގަކުރައްވަމުން، ރާއްޖެ ޓީވީގެ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން ޝާޒް ވިދާޅުވީ، މާކެޓުގައި ހިނގާ ވަގު ވިޔަފާރިތަކާއި ޑޮލަރުގެ ކަޅުބާޒާރުގެ އަސްލު އަޑީގައި ތިބީ ވެސް ގަވާއިދާ ހިލާފަށް އުޅޭ މި ބިދޭސީން ކަމަށެވެ. އެމީހުން ހިންގާ ހަޑިމުޑުދާރު ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން ދައުލަތުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށްޓަކައި، މިފަދަ ބްލެކް މާކެޓްތައް ނައްތާލައި ބިދޭސީންގެ މައްސަލަ ހަރުދަނާކަމާއެކު ކޮންޓްރޯލް ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.
މި ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ގާނޫނުތައް ތަންފީޒުކޮށް ގައުމީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރުދަނާ ސިޔާސަތުތަކަށް އެއްބާރުލުން ދޭންޖެހޭ ކަމަށް މި ޑިސްކަޝަނުން އެނގިގެންދިޔައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ދޫކޮށްލެވިފައި އޮތް ބިދޭސީންގެ މައްސަލަ ހައްލުކޮށް، ދިވެހި ވިޔަފާރިވެރިންނާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭނީ ސަރުކާރުން މިހާރު ފަށާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއިން ކަމަށް ވެސް ޕެނަލްގެ ވާހަކަތަކުން ސާފުވެއެވެ.
އެ ޕެނަލްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފަތުރުވެރިކަމުގެ އާމްދަނީން 40 ޕަސަންޓް މާރުކުރަން އޮތް މައްސަލައެވެ.









