ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައެޅުއްވި އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ، ސަފީރުކަމުގެ ފަތްކޮޅު އެގައުމުގެ ސަރުކާރަށް އަރުވައިފިއެވެ. އޮންލައިންކޮށް ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި، ސަފީރު ޑރ. ޒުހުރީ ފަތްކޮޅު އަރުވާފައިވަނީ ފަލަސްތީނުގެ ހާރިޖީ ވަޒީރު ޑރ. ވާސެން އަގަބެކިއަން އަށެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ރައްޔިތުންގެ ފަރާތުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށާއި އެގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިއްޔާ އަރިސްކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ޑރ. ޒުހުރީ ވަނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަހުވަންތަ ގުޅުން ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގެ ތެރޭގައި މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ފަލަސްތީނުގެ މައްސަލައިގައި އެގައުމުގެ ރައްޔިތުންނާއެކު ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވަމުން، ފަލަސްތީނަކީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިގެންވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަގިއްލު ސިޔާދަތީ ބާރު ލިބިގެންވާ ގައުމެއްގެ ގޮތުގައި ރާއްޖެއިން ގަބޫލުކުރާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ފަލަސްތީނުގެ ހާރިޖީ ވަޒީރު ޑރ. ވާސެން އަގަބެކިއަން ވަނީ އައު ސަފީރަށް މަރުހަބާ ދަންނަވައި، އެމަނިކުފާނުގެ މަގާމުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ހާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވާގޮތުގައި، ފަލަސްޠީނަށް ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ އެމަނިކުފާނުގެ މަގާމުގެ ދައުރުގެ މަސްއޫލިއްޔަތުތައް ފުރިހަމަކުރައްވަމުން ދަންނަވާނީ ދިވެހިރާއްޖޭގައި ހުންނަވައިގެންނެވެ.








