ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ބޭރުކުރާ ސައުދީ އަރަބިއްޔާގެ ގައުމީ ޝިޕިން ކުންފުނި "ބަހްރީ" ގެ "ސިދްރް" ތެޔޮ ޓޭންކަރަށް ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށް އީރާނުން ދިން ހަމަލާއެއްގައި ފިލިޕީންސްގެ ދެ ފަޅުވެރިއަކު މަރުވެއްޖެ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވިޔަ ނުދީ ވަގުތުން ހުއްޓުވުމަށާއި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ދުނިޔޭގެ ހަކަތައިގެ ސަޕްލައި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަނީ ގޮވާލައިފައެވެ.
އީރާނުން ހުއްދައަކާ ނުލައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމަށް އިންޒާރު ދީފައިވާއިރު، މިއީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދައުރުވާ މުހިންމު މަގެއް ކަމުން ގަލްފުގެ ގައުމުތަކުން ހަކަތަ ބޭރުކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ.
މިފަދަ ހަމަލާތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިދިޔަ ޖުލައި މަހުވެސް އޮމާން އައްސޭރިފަށުން ދަތުރުކުރި ބަހްރީގެ "ވަދްޔާން" ސުޕަޓޭންކަރަށް ވަނީ ހަމަލާދީފައެވެ. އަދި އީރާނުގެ މަދަދުލިބޭ ޔަމަނުގެ ހޫތީން ސައުދީއާ ދެކޮޅަށް ފިޔަވަޅުތައް އިއުލާނުކުރުމާ ގުޅިގެން، ރަތްކަނޑުން ދަތުރުކުރި އެ ކުންފުނީގެ "މަސާ" އަދި "އަމްޒާން" އުޅަނދަށްވެސް ވަނީ ހަމަލާތައް އަމާޒުވެފައެވެ.







