ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ހަމައަކަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ފުން ދިރާސާތަކަކާއި ގިނަ މަޝްވަރާތަކަކަށްފަހު ނިންމަމުންދާ ނިންމުންތަކެއް ކަމަށާއި، ބޭރު ފައިސާގެ މައްސަލައިގައި ވެސް ގެންނަމުންދާ އިސްލާހުތަކަކީ ވަރަށް ގިނަ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ނެޝަނަލް ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށް ކުރެވޭ މި މަސައްކަތުގައި އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ފުރިހަމައަށް ލިބޭނަމަ، އިރާދަކުރެއްވިއްޔާ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މިހާރުވެސް ގިނަ ފަރާތްތަކުން މިކަމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސިޔާސީ ގޮތުން އެކި ފަރާތްތަކުން ތަފާތު ވާހަކަތައް ދެއްކެވި ނަމަވެސް، ޖުމްލަ ގޮތެއްގައި ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކަކީ މިވަގުތު ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުން ކަންކަން ނިންމަނީ "ހަމަ ތިބެފަ" ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮންމެ ފިޔަވަޅެއްވެސް އަޅަމުން ގެންދަވަނީ ކަމާބެހޭ އެންމެންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް (ފެކްޓް ބޭސްޑްކޮށް) ކަމަށެވެ. އަދި އިގްތިސާދީ މިފަދަ ބޮޑެތި ކަންކަމާ ހަވާލުވެ ތިއްބެވީ ތައުލީމީ ގޮތުންނާއި، ފަންނީ ގޮތުން އަދި ތަޖުރިބާގެ ގޮތުންވެސް ގާބިލު، ރަނގަޅު ބޭފުޅުން ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އެތައް ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ކަންކަން ތަންފީޒު ކުރުމަށްޓަކައި އަދިވެސް މަޝްވަރާގެ އުސޫލުން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސިޔާސީ ބޭނުމެއްގައި އެކި ފަރާތްތަކުން ތަފާތު ފާޑުކިޔުންތަކާއި ވާހަކަތައް ދެއްކި ނަމަވެސް، ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ޖުމްލަ ނަތީޖާ މުޅި ގައުމަށް ވަރަށް ރަނގަޅުވާނެ ކަމަށެވެ.









