ޕީއެންސީގެ ޓިކެޓުގައި އައްޑޫ މޭޔާކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މުޝްރިފް އަލީ، އެ ސިޓީގެ ބޯހިޔާވަހިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ވައުދުވެވަޑައިގެންފިއެވެ.
އެކަމާއި ގުޅިގެން މުޝްރިފް ވިދާޅުވީ އޭނާ މޭޔަރުކަމަށް ހޮވިވަޑައިގެންފި ނަމަ، މަގާމާ ހަވާލުވެވަޑައިގަންނެވުމަށް ފަހު ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އައްޑޫގެ ބޯހިޔާވަހިކަމާ ގުޅޭ ހުރިހާ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށެވެ.
އައްޑޫގެ ބޯހިޔާވަހިކަމުގެ ހާލަތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މުޝްރިފު ވިދާޅުވެފައި ވަނީ، ގިނަ އަދަދެއްގެ ބަޔަކަށް ގޯތި ދޫކޮށް، ލިޔުން ދިންކަމުގަި ވިޔަސް، އޭގެ ތެރެއިން އެތައް ބަޔަކަށް މިހާތަނަށް ބިން ހަވާލުކޮށް އިން ވަކިކޮށްދެވިފައެއް ނުވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އެތައް އަހަރެއް ކުރިން ދޫކޮށްފައިވާ ބިންތަކާއި ފަހުން ދޫކުރި ބިންތައް ވެސް ހިމެނޭ ކަމަށް މުޝްރިފް ފާހަނގަކުރެއްވި އެވެ.
"ރައްޔިތުން އާދޭސް ދަންނަވައި ސަލާމް ޖަހާތާ އެތައް ދުވަހެއް ވެއްޖެ. ނަމަވެސް ފެންނަނީ ގާތްގުޅުން އޮންނަ ނުވަތަ ސިޔާސީ ގޮތުން މަންފާ ލިބޭނޭ ބަޔަކަށް ނޫނީ އިން ވަކިކޮށް ނުދޭ މަންޒަރު،" - މޭޔާ ކެންޑިޑޭޓް މުޝްރިފު
މުޝްރިފުގެ ވާހަކައިގައި ވަނީ ހިތަދޫ އަދި ފޭދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން އެނާ ވިދާޅުވީ ފޭދޫއިން ދޫކުރި ބައެއް ބިންތަކަކީ ކަރަންޓުގެ މައި ކޭބަލްތަކުގެ މަތިން ދޫކޮށްފައިވާ ބިންތަކެއް ކަމަށެވެ. އަދި އަހަރެއް ވެީއިރުވެސް އެ ނުރައްކާތެރި މައްސަލައަށް ހައްލެއް ލިބިފައި ނުވާކަމަށާއި އެކަން ހައްލުކުރަން މަސައްކަތްކޮށްފާ ނުވާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އައްޑޫއިން ދޫކުރިގޮތިތަކާއި ބެހޭ ގޮތުން އިތިރަށް ވާހަކަދައްކަވަމުން މުޝްރިފު ވިދާޅުވެވީ ދޫކޮށްފައިވާ ބައެއް ގޯތިތަކަކީ ކުރީގެ ގަބުރުސްތާނުތަކުން ދީފައިވާ ގޯތިތަކެއް ކަމަށެވެ. އަދި އެ އާއިލާތަކުން ގޯތި ބަދަލުކޮށްދިނުމަށް އާދޭސްކުރަމުން އަންނަތާ އެތައް ދުވަހެއް ވެގެން ދިޔަރިުވެސް، ކައުންސިލުން އެކަމަށް ހައްލެއް ހޯދާދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު މުޝްރިފް އަލީ ވިދާޅުވީ، އޭނާގެ މޭޔަރުކަމެއްގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ދެފުށް ފެންނަ ފަދަ ގޮތަކަށް، އިންސާފުވެރި ނިޒާމެއްގެ ތެރެއިން ބޯހިޔާވެހިކަން ލިބޭނެ ކަމަށެވެ. އަދި މުޝްރިފުއަށް ފުރުސަތެއް ރައްޔިތުން ދެއްވައިފި ނަމަ އައްޑޫގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ތަފާތު މަޝްރޫއުތައް ފައްޓަވަނެ ކަމަށެވެ. އޭގެ އިތުރުން މުޝްރިފު ވަނީ ހަމަހަމަކަމާއެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.









