ދައުލަތުގެ ދަރަނި އަދާކުރުމަށާއި، ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ޢަދާލަތު ޕާޓީން ނިންމައިފިއެވެ.
މި ނިންމުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ ރައީސް އައްޝައިހް މުހައްމަދު ޝިފާން ވިދާޅުވީ، ސަރުކާރާއެކު ސިޔާސީ ގޮތުން މަސައްކަތްކުރަން ނިންމެވީ އިގްތިސާދީ ގޮތުންނާއި ދީނީ ގޮތުން ގައުމު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރާއެކު މަސައްކަތް ކުރަން މި ނިންމީ، އަދުލުވެރިކަމާއި އިންޞާފުވެރިކަމުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދެއް ބިނާކޮށް، ރަށްރަށަށް ފުރުސަތުތައް ފަހިކޮށްދީ، ދިވެހި ވިޔަފާރިތަކަށް އެހީތެރިވެ، އަޅުގަނޑުމެންގެ ޒުވާނުންނަކީ އަމިއްލަ ފަސްގަނޑުގައި މުސްތަޤުބަލު ބިނާކުރާނެ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ވާގިވެރިވުމަށް،"
އަދާލަތު ޕާޓީގެ ރައީސް ޝައިހް ޝިފާން
އިގްތިސާދީ ދާއިރާގެ އިތުރުން، އިސްލާމިކް ފައިނޭންސްގެ ނިޒާމު ފުޅާކުރުމަށާއި، ޒަކާތާއި ވަގުފުގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ އަދާލަތު ޕާޓީން ނުހަނު ބަލައިގަންނަ ކަންކަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ތަޢުލީމީ ނިޒާމަށް ގެންނަ ހެޔޮ ބަދަލުތަކާއި، ގައުމީ ހިދުމަތުގެ ޕްރޮގްރާމްތަކުގެ އިތުރުން، ހާފިޒުންނާއި ޒުވާން ހާތިބުން ތަމްރީނުކުރުމަށް ސަރުކާރުން ހިންގާ ހަރަކާތްތަކަށް ޝައިހް ޝިފާން ތައުރީފު ކުރެއްވިއެވެ.
ހަމައެއާއެކު، އިސްލާމްދީނާއި ދިވެހި ގައުމިއްޔަތު ހިމާޔަތްކުރުމާއެކު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ދިވެހިރާއްޖޭގެ ބިމާއި ކަނޑުގެ ސަރަހައްދުން އެންމެ އިންޗިއެއްވެސް ބޭރުގެ ފަރާތްތަކަށް މިލްކުނުކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ސިޔާސަތުތަކަށް ތާއީދުކޮށް، ސަރުކާރުގެ ސިޔާސީ ބައިވެރިއެއްގެ ގޮތުގައި ކުރިއަށްދިއުމަށް ނިންމުމާއެކު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ސާބިތުކަމާއެކު ދެމިއޮވެ، ރައީސް ޑރ. މުޢިއްޒަށް ދެވަނަ ދައުރެއް ކާމިޔާބުކޮށްދިނުމަށް އަދާލަތު ޕާޓީން ގުޅިގެން މަސައްކަތްކުރާނެ ކަމަށްވެސް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.
މިއީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހާއި، މަޝްވަރާ މަޖިލީސް އަދި އަތޮޅުތަކުގެ މަންދޫބުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ނިންމާފައިވާ މުހިންމު ނިންމުމެކެވެ.




