ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ސައުތު އޭޝިއަން ޔުނިވަރސިޓީ (އެސް.އޭ.ޔޫ) ގެ ރައީސް، ޕްރޮފެސަރ ކޭ. ކޭ. އަގަރްވާލް، އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސައުތު އޭޝިއަން ޔުނިވަރސިޓީއާ ދެމެދު މަތީ ތައުލީމުގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ތަފްސީލުކޮށް މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން، ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން، ހާއްސަކޮށް ސިއްހަތާއި މޫސުމީ ބަދަލުތަކުގެ ދާއިރާއިން ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން ހިޔާލުބަދަލު ކުރެއްވިއެވެ. މީގެއިތުރުން، ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ މަގްސަދުގައި، ސައުތު އޭޝިއަން ޔުނިވަރސިޓީއާއި ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ މެދުގައިވެސް މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ކުރިއަށް އޮތް ތަނުގައި މަތީ ތައުލީމީ ދާއިރާއިން ދެފަރާތުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ގުޅިގެން މަސައްކަތްކުރުމަށް ނިންމިއެވެ. އަދި ރާއްޖޭގެ ދަރިވަރުންނަށް އެސް.އޭ.ޔޫ މެދުވެރިކޮށް ތައުލީމީ އަދި ތަމްރީނީ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެފަރާތުން ހިޔާލު ބަދަލުކުރެއްވިއެވެ.




