މި ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރާއެކު މަސައްކަތްކުރުމަށާއި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި ޢަދާލަތު ޕާޓީގެ ދެމެދުގައި ރަސްމީކޮށް ކޯލިޝަން އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ހޮޓެލް ޖެންގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދި ޢަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާން އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ދިގު ތާރީޚެއް އޮތް، އިސްލާމީ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ޢަދާލަތު ޕާޓީން ޕީއެންސީއާއެކު އިއްތިޙާދުވުމަކީ ރައީސް މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޤަބޫލުކުރުން ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި މިއީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ: "މީގެން ދައްކުވައިދެނީ ވަހުމާއި ޝައްކުގެ މަތީގައި ބަޔަކު ތިއްބަސް، ޤައުމުގެ ބޮޑުބައި ހަރުދަނާ، ހޭލުންތެރި، ވިސްނުންތެރި، ބުއްދިވެރި މީހުން ތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކީގަކަން. އެމަނިކުފާނުގެ ސިޔާސަތު ޤަބޫލުކޮށްގެންކަން. އެމަނިކުފާނަށް ތާއީދު ދެއްވަންކަން."
މި ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ޚާއްޞަ ޤަރާރަކާ ގުޅިގެންނެވެ. އެ ޤަރާރުގައި ބަޔާންކޮށްފައިވަނީ، އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި މިނިވަންކަން ދަމަހައްޓައި، ޤައުމީ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ރައީސް މުޢިއްޒު ދެއްވި ދަޢުވަތު ޤަބޫލުކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓަށް ފުރިހަމައަށް ތާއީދުކޮށް އެކުގައި މަސައްކަތްކުރުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ.




