ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައްޔާއި އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފަންނީ މާހިރުންގެ ލަފަޔާއި މަޝްވަރާ ހޯއްދެވުމަށްޓަކައި، "ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް" އެކުލަވައިލެއްވުމުގެ އުސޫލެއް ކަނޑައަޅުއްވައި، އެ އުސޫލަށް އަމަލުކުރައްވަން ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި ނިންމެވުން ނިންމަވާފައިވަނީ މި ނޮވެންބަރު މަހުގެ 15 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މި އުސޫލު އެކަށައެޅުއްވުމުގެ މައިގަނޑު މަގްސަދަކީ، ތަފާތު ފަންނީ ދާއިރާތަކާ ގުޅުންހުރި މުހިންމު ކަންކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ސިޔާސަތުތައް އެކުލަވައިލުމާއި ތަންފީޒުކުރުމުގެ މަރުޙަލާގައި، އެ ދާއިރާތަކުން މަތީ ތަޢުލީމާއި ޢަމަލީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ގާބިލު ބޭފުޅުންގެ އިރުޝާދާއި ލަފާ ނިޒާމީ ގޮތެއްގައި ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމެވެ. މީގެއިތުރުން، އެފަދަ ކޮމިޓީތަކާއި މަޖިލިސް އެކުލަވައިލުމުގައްޔާއި ހިންގުމުގައި އަމަލުކުރާނެ ސާފު އަދި ހަރުދަނާ މިންގަނޑުތަކެއް ކަނޑައެޅުންވެސް މި މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އަލަށް ކަނޑައެޅުއްވި އުސޫލުގެ ދަށުން، ސަރުކާރުގެ ކޮންމެ ވުޒާރާއަކުންވެސް އެ ވުޒާރާއެއްގެ ދާއިރާއާ ގުޅޭ ފަންނީ ޚާއްޞަ ކޮމިޓީތައް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކަމާބެހޭ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ އެކަށޭނަ ބޭފުޅުން ހޯއްދަވައި، އެ ކޮމިޓީތަކަށް އައްޔަނުކުރެއްވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ކުރައްވާ މަސައްކަތްތަކަކީ ޤައުމީ މަތިވެރި ހިދުމަތެއްގެ ގޮތުގައި ބައްލަވައި، އެއްވެސް އުޖޫރައެއް ނުނަންގަވާ ގޮތަށް ކުރިއަށްގެންދެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި ނިންމެވުމަކީ ޤައުމީ ތަރައްގީއަށްޓަކައި، އެއްވެސް މާލީ މަންފާއަކަށް ބެއްލެވުމެއް ނެތި، ފަންނީ ބޭފުޅުންގެ ހިދުމަތް ހިލޭސާބަހަށް ދެއްވުމަށް ބާރުއެޅުއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.
ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލުމުގެ އުސޫލުގެ ތަފްސީލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި މިހާރު ވަނީ އާންމުކުރައްވާފައެވެ. މިކަމުގެ ސަބަބުން، މި އުސޫލާ ގުޅޭ އެންމެހައި މަޢުލޫމާތުތައް ޢާންމު ރައްޔިތުންނަށާއި ފަންނުވެރިންނަށް ސާފުވެ، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.




