މިހާރު ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އިއްތިޙާދުވުމަށް އަދާލަތު ޕާޓީން ރަސްމީކޮށް ނިންމައިފިއެވެ.
މި ނިންމުން އަދާލަތު ޕާޓީން ހާމަކޮށްފައިވަނީ، 14 ނޮވެންބަރު 2026 ވަނަ ދުވަހު އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ޤަރާރަކުންނެވެ. މި ގަރާރަކީ އަދާލަތު ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގައި މަޝްވަރާ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.
ޢަދާލަތު ޕާޓީން ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަން ހަރުދަނާކުރުމާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާޢުކުރުމާއި، ގައުމުގެ އިގްތިސާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް، ސިޔާސީ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަން ފާހަގަކުރައްވައި، ޕީއެންސީގެ ފަރާތުން ރަސްމީކޮށް ދައުވަތު ދެއްވާފައިވާ ކަމަށެވެ. މި ދައުވަތަކީ، މި ދައުރުގެ ބާކީ އޮތް މުއްދަތުގައްޔާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި ޕީ.އެން.ސީއާއެކު މަސައްކަތްކުރުމަށް ވެވަޑައިގެންނެވި ދަޢުވަތެކެވެ.
ޤަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ އަގީދާއާއި އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއަރުވައި ތަރައްޤީކުރުމަކީ ޢަދާލަތު ޕާޓީ އުފެދިފައިވާ މައިގަނޑު މަގްސަދެވެ. އަދި ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި، ޤައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ޕާޓީން ދެކެއެވެ.
މި ގަރާރުގައި ތިން ނިންމުމެއް ހިމަނާފައިވެއެވެ. އެއީ:
ޕީ.އެން.ސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތު ގަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުން؛
2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރުން؛ އަދި
އަދާލަތު ޕާޓީގެ މަގްސަދުތަކާއި، ޕާޓީގެ މެންބަރުންގެ ހައްގުތަކާއި، ޕާޓީގެ ދުރު މުސްތަގުބަލުގެ މަސްލަހަތުތަކަށް ރިއާޔަތްކޮށް ކޯލިޝަނުގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިންތިޒާމުތައް ކަނޑައަޅައި، ޕާޓީގެ ދުސްތޫރުގެ 46.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު، ޕީ.އެން.ސީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބާރު އަދާލަތު ޕާޓީގެ ރައީސަށް ދިނުމެވެ.
މި ނިންމުމާއެކު، ސަރުކާރު ހިންގާ މައި ޕާޓީ ޕީ.އެން.ސީއާއި ޢަދާލަތު ޕާޓީ ގުޅިގެން ރަސްމީ ސިފައެއްގައި ސިޔާސީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ގައުމުގެ ސިޔާސީ މަސްރަޙަށް އަނެއްކާވެސް ބޮޑު ބަދަލެއް އަންނާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.



