މީހުން ދިރިއުޅޭ ރަށްރަށަށް ގަވާއިދާ ހިލާފަށް ރާ އެތެރެކޮށް ވިއްކާ ނެޓްވޯކްތަކާ ދެކޮޅަށް ހިންގުނު ބޮޑެތި އޮޕަރޭޝަންތަކުގައި ޖުމްލަ 16,852 ރާފުޅި އަތުލައިގަނެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ހާމަކުރައްވައިފިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ތަކެއްޗަކީ ސަފާރީތަކުން ބޭލުމަށްފަހު، ރަށްރަށަށް އެތެރެކޮށްގެން ވިއްކަމުންދިޔަ ތަކެއްޗެވެ.
މި މައްސަލައިގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، ކަސްޓަމްސްއިން ގާނޫނީގޮތުން އެތެރެކުރުމުގެ ހުއްދަ ދީފައިވާ ބައެއް ފަރާތްތަކުންވެސް ވަނީ އެ ހުއްދައިގެ ނާޖާއިޒު ބޭނުންހިފައި، ރާ މީހުން ދިރިއުޅޭ ރަށްރަށަށް ފޮނުވާފައެވެ. މިކަން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ ހާއްސަ އޮޑިޓެއް ހިންގާފައެވެ.
އޮޑިޓަށްފަހު، ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ބައެއް ކުންފުނިތަކާއި ފަރާތްތަކަށް ކަސްޓަމްސްއިން ދޫކޮށްފައިވާ ހުއްދަތައް ވަނީ ބާތިލުކޮށްފައެވެ. މިނިސްޓަރު އިހްސާން ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ ތާރީހުގައިވެސް މިފަދަ މައްސަލައެއްގައި ކަސްޓަމްސްގެ ހުއްދަތަކެއް އުވާލި ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ މި ނިންމެވުމާއެކު، ބޯޑަރުތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ ހުއްދަތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ރަށްރަށަށް މަސްތުވާތަކެއްޗާއި ރާ އެތެރެކުރުމުގެ ފުރުސަތު މުޅިން ބަންދުވެގެންދާނެ ކަމަށް ހޯމް މިނިސްޓްރީން ގަބޫލުކުރެއެވެ.









