ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު އަދި އެތެރެކޮށްފައިވާ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ އަތުލައިގަނެފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒީރު އަލީ އިހްސާން ހާމަކުރައްވައިފިއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ ޕީއެންސީ ކޮންގްރެސްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ފުލުހުންގެ އިދާރާއިން ހާއްސަ މަސައްކަތްތަކެއް ރާވައިގެން ހިންގަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ހޯދައި، އެމީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަން ވަރުގަދަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ފިޔަވަޅު އެޅުމުގެ އިތުރުން، މުޖުތަމައުގައި މަސްތުވާތަކެތީގެ އާދަ އަށަގަނެފައިވާ މީހުން އެ ވަބާއިން ސަލާމަތްކުރުމަށްޓަކައި ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ ޝިކާރައަކަށްވާ ކުޑަކުދިން ރީހެބިލިޓޭޓްކޮށް، އަނބުރާ މުޖުތަމައަށް ނެރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި ކުށްވެރިން ހައްޔަރުކޮށްގެން ހައްލުވާނެ މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ފަރުވާއާއި ރީހެބިލިޓޭޝަންގެ މަސައްކަތްތަކާއެކު، މަސްތުވާތަކެތި އެތެރެކުރާ ދޮރުތައް ބަންދުކުރުމުގެ މަސައްކަތް ފުލުހުން ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށެވެ.









