1.6 މެގަވޮޓުގެ އާ ޖަނަރޭޓަރެއް އައްޑުއަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 38 ދުވަސް ކުރިން - 23 އޮކްޓޯބަރު 2025 18:48
އައްޑޫ ސިޓީ އަށް ގެންދިޔަ 1.6 މެގަވޮޓުގެ ޖަނަރޭޓާރު. / ފޮޓޯ: ފެނަކަ
އައްޑޫ ސިޓީ އަށް ގެންދިޔަ 1.6 މެގަވޮޓުގެ ޖަނަރޭޓާރު. / ފޮޓޯ: ފެނަކަ
ޚުލާސާ

އައްޑޫ އަށް ބޭނުންވާ 1.8 މެގަވޮޓުގެ ޖަނަރޭޓަރެއްވެސް މާލެ ވަނީ ގެނެސްފައި. އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވި.

އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމުގެ ގޮތުން 1.6 މެގަވޮޓުގެ އާ ޖަނަރޭޓަރެއް އެ ސިޓީ އަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނަކަ އިން ފަށައިފި އެވެ.

މި ޖަނަރޭޓަރު އައްޑޫ އަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މި ޖަނަރޭޓަރުގެ އިތުރުން އައްޑޫ އަށް ބޭނުންވާ 1.8 މެގަވޮޓުގެ ޖަނަރޭޓަރެއްވެސް މާލެ ގެނެސްފައިވާއިރު ފެނަކަ އިން ދަނީ މި ޖަނަރޭޓަރު އައްޑޫ އަށް ވީހާވެސް އަވަހަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

އައްޑޫ އަށް ދޭތެރެ ދޭތެރެއިން ކަރަންޓު ކެޑުމުގެ މައްސަލައަކީ ވަރަށް ބޮޑަށް ފެންމަތިވެފައިވާ މައްސަލައެކެވެ. އެހެންކަމުން އައްޑޫ އަށް ދިމާވެފައިވާ ޒަމާންވީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އައްޑޫގެ ކަރަންޓު މައްސަލަ މި ސަރުކާރުން އެއްކޮށް ހައްލުކުރައްވާނެ ކަމަށާއި، އެކަން ހައްލުވުމުން ކުރިއަށް އޮތް 20 އަހަރު އެކަމާ ހާސްވާން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ އަށް ވަރަށް އަވަހަށް ދަތުރުފުޅެއް ފަށްޓަވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

މިވަގުތު އައްޑޫ ސިޓީއާ ގުޅޭގޮތުން ކުރެވޭ އެންމެ ބޮޑު ބަހުސަކީ އައްޑޫގެ ހުރިހާ ރަށްތައް އައްޑޫ ސިޓީ ކައުންސިލްގެ ސީދާ ބެލުމުގެ ދަށުގައި އޮންނަ އޮތުން ބަދަލުކޮށް ބައެއް ރަށްތަކުގައި ވަކިން ކައުންސިލް ހަދައިގެން ހިންގުމާ މެދު އޮތް ހިޔާލު ތަފާތުވުމުގެ ބަހުސް އެވެ. އެހެންކަމުން އެ ތިން ރަށުގައި ވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބެލުމަށް ތިން ރަށުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި ނެގޭ މި ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%