އައްޑޫ ސިޓީގެ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ މިއަދު ހަވާލުކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނީ އެކަމުގެ އެއްބަސްވުމުގައި ވެމްކޯއާއެކު ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ނިޒާމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.
މިނިސްޓްރީން ބުނި ގޮތުގައި, މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން "އައްޑޫ އިންޓަރިމް ހަޒާޑަސް ވޭސްޓް އެންޑް ކެމިކަލްސް ސްޓޯރޭޖް ފެސިލިޓީ" ހިންގުމުގައި ހަރަކާތްތެރިވާނެ ވެމްކޯގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާނެ އެވެ. އެއީ އެ މަރުކަޒު ރައްކާތެރިކަމާއެކު ހިންގުމަށާއި ބެލެހެއްޓުމަށް އެހީތެރިވުމަށެވެ. މިނިސްޓްރީން ވަނީ އެ މަރުކަޒު ހިންގުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ވެމްކޯއަށް ފޯރުކޮށްދީފަ އެވެ.
އެ މަރުކަޒަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން، ޖެފްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ "އެލިމިނޭޓިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއުގެ ދަށުން ހެދި ތަނެކެވެ.
އެ މަރުކަޒުގެ މައިގަނޑު މަގުސަދަކީ އައްޑޫ ޒޯނުގައި ހިމެނޭ ރަށްތަކުން އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީ ގޮތުން ރައްކާކުރުމަށް، ކުނިމެނޭޖުކުރުމާއި ގުޅޭ ގަވާއިދުތަކާ އެއްގޮތް އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ހައްލު ހޯދުމެވެ. އެ ފެސިލިޓީގެ ސަބަބުން ހާސިލުވާނެ ނަތީޖާތަކަކީ;
- ނުރައްކާތެރި ކުނިން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުން
- އާންމު ސިއްހަތު ރައްކާތެރިކުރުން
- ގައުމީ ކުނި މެނޭޖްކުރުމުގެ ސްޓްރެޓެޖީއާ އެއްގޮތަށް އަމަލުކުރުން
- ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބޭސަލް އަދި ސްޓޮކްހޯމް މުއާހަދާތަކުގެ ދަށުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުން
- ދެމެހެއްޓެނިވި ގޮތެއްގައި ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ގާއިމުކުރުމަށް މަގުފަހިކޮށްދިނުން
ސިނާއީ މަސައްކަތްތަކުން އުފެދޭ ކުނި، ސްކޫލްތަކުގެ ލެބޯރެޓަރީތަކުން އުކާލެވޭ ކެމިކަލްތައް، އިންޖީނުތަކުން އުފެދޭ ތެޔޮ އަދި އުކާލާ ބެޓެރީތައް ފަދަ ތިމާވެއްޓަށް ގެއްލުންދެނިވި ނުރައްކާތެރި ބާވަތްތަކުގެ ކުނި އެ މަރުކަޒުގައި ރައްކާކުރެވޭނެ އެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގައި އުފެދޭ ނުރައްކާތެރި ކުނީގެ މިންވަރު މަދުކަމުން، ރާއްޖޭގައި ނުރައްކާތެރި ކުނި ނައްތާލުމުގެ މަރުކަޒެއް ގާއިމުކުރުމަކީ ޓެކްނިކަލީ އަދި އިގުތިސާދީ ގޮތުން ވެސް ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، އެ މަރުކަޒު ފަރުމާކުރެވިފައި ވަނީ ވަގުތީ ގޮތުން ކުނި ރައްކާކުރާ މަރުކަޒެއްގެ ގޮތުގައި ކަމަށާއި ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު އެއްކޮށް، ވަކިކޮށް، ވަގުތީ ގޮތުން އެތަނުގައި ބަލަހައްޓާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތަށް ރައްކާކުރެވޭ ކުނި ބޭސަލް ކޮންވެންޝަން ފަދަ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ރިސައިކަލްކުރުމަށް ނުވަތަ ނައްތާލުމަށް ރާއްޖެއިން ބޭރަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ މަރުކަޒު ހިންގުމަށާއި މިފަދަ ކުނި ރައްކާތެރިކަމާއެކު ގެންގުޅުމަށް، މަރުކަޒު ހިންގުމުގެ އުސޫލުތައް ހިމެނޭ ސްޓޭންޑާޑް އޮޕަރޭޝަންސް ޕްރޮސީޖަ (އެސްއޯޕީ) އެއް ވެސް އެކުލަވާލެވިފައިވާ ކަމަށާއި އެ އުސޫލުތަކުގައި އެކި ބާވަތުގެ ކުނި ގެންގުޅުމުގެ ގޮތްތަކާއި ޕެކޭޖްކުރާނެ ގޮތްތަކާއި ރައްކާތެރިކަމާއެކު އުފުލުމުގެ މިންގަނޑުތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.