ޣައްޒާގައި ހިންގާ ޤަތުލުޢާންމާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުން ޔަމަނުގެ ހޫޡީ ސިފައިން ދެމުންދާ ހަމަލާތައް އިތުރުވަމުންދާތީ، ރަތް ކަނޑާއި ބާބް އަލް-މަންދަބީ އިން ދަތުރުކުރާ ވިޔަފާރި މުދާ އުފުލާ އުޅަނދުތަކުން ބޯޓު ޓްރެކިން ސިސްޓަމްތަކުގެ ތެރެއިން އާދަޔާ ހިލާފު މެސެޖުތައް ފޮނުވަން ފަށައިފި އެވެ.
މިއީ ހޫޡީން ދިން ޙަމަލާތަކުގައި ހުސްވި ހަފްތާގައި ދެ އުޅަނދެއް އަޑިއަށް ފައްތައިލުމާއި ގުޅިގެން އެފަދަ ޙަމަލާއަކުން ސަލާމަތްވުމުގެ ނިޔަތުގައި ބޯޓުތައް އޮޕަރޭޓްކުރާ ކުންފުނިތަކުން ކުރަމުންދާ ކަމެއް ކަމަށް ބެލެވެއެވެ. އެ ބޯޓުތަކުން މިހާރު ޤައުމީ ދިދައާއި ފަޅުވެރިންގެ ލިސްޓާއެކު “ޒަޔަނިސްޓް އިސްރާއީލާއި ގުޅުމެއް ނެތް” ފަދަ މެސެޖުތައް ދަނީ ފޮނުވަމުންނެވެ. .
ނަމަވެސް، ހޫޡީން ބަރޯސާވެފައިވަނީ އެމީހުންގެ ޖާސޫސީ މައުލޫމާތު ތަކަށެވެ. ބޯޓަކަށް ޙަމަލާ ދިނުމުގެ ކުރިން އެ ބޯޓުގައި ތިބޭ ފަޅުވެރިންގެ މަޢުލޫމާތުތަކާއި، އިސްރާއީލަށް މުދާ އުފުލައިދޭ މިންވަރާއި އަދި އެއީ ކޮން ބާވަތްތަކެއްގެ މުދާތޯ ވެސް ހޫޡީން ބަލައެވެ
ރަތް ކަނޑުގެ ޙާލަތު ގޯސްވުމާއެކު އިންޝުއަރެންސް ޕްރީމިއަމް ވެސް ވަނީ އުޅަނދުގެ އަގުގެ %0.3 އިން %1** އަށް ވުރެ މައްޗަށް ގޮސްފައެވެ. ބައެއް އިންޝުއަރެންސް ކުންފުނިތަކުން ވަނީ ކަވަރޭޖް މުޅިން ސަސްޕެންޑް ވެސް ކޮށްފަ އެވެ.









