އައިސްޕްލާންޓް ކޮރަޕްޝަން މައްސަލާގައި ފެނަކައިގެ ކުރީގެ އެމްޑީ، ސައީދުގެ މައްޗަށް ދައުވާކޮށްފި

މުހައްމަދު ޖަމްޝަތު | 34 ދުވަސް ކުރިން - 12 ޖުލައި 2025 13:58
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސައީދު. އޭނާގެ މައްޗަށް ކްރިމިނަލްކޯޓުގައި ވަނީ ދައުވާކޮށްފަ-----
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސައީދު. އޭނާގެ މައްޗަށް ކްރިމިނަލްކޯޓުގައި ވަނީ ދައުވާކޮށްފަ-----
ޚުލާސާ

ސައީދަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ. މި ދައުވާގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން.

ލ. މާމެންދޫގައި އަމިއްލަ ފަރާތަކުން ގާއިމުކޮށްފައިވާ އައިސް ޕްލާންޓެއް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖައިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ިމި މައްސަލަ ބަލައި ސައީދާއި އެ ކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވީ މިދިޔަ އޭޕްރީލް މަހު އެވެ. ޕްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހުން ބުނި ގޮތުގައި އެ މައްސަލާގައި ސައީދަށް ދައުވާ ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އޭސީސީން ހާމަކޮށްފައިވާ ގޮތުގައި މާމެންދޫގައި ހުންނަ ކައިޒާން އިވެންޓުމަންޓުގެ އައިސްޕްލާންޓު 2023 ގައި ގަތުމަށް ފެނަކަ ބޯޑުން ނިންމީ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ އެވެ.

ފެނަކައިގެ އެމްޑީގެ ގޮތުގައި ސައީދު ހުރެ، ފިޝަރީޒް މިނިސްޓްރީއާ ވެވުނު އެއްބަސްވުމުގައިވާ ރަށްތަކުގެ ތެރެއިން މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި އެ ރަށުގައި ހުރި އައިސްޕްލާންޓު ގަންނަން ހުށަހެޅީ 11 މިލިއަން ރުފިޔާއަށެވެ. އެކަން ކުރީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔަކާ ނުލާ ކަމަށާއި ފެނަކައިގެ ބިޒްނަސް ޕްލޭނުގައި ވެސް އެ އައިސްޕްލާންޓަކީ ފައިނޭންޝަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫން ކަމަށް ބަޔާންކޮށްފައި ވަނިކޮށް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި 7 ސެޕްޓެމްބަރު 2023 ގައި ބޭއްވުނު ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ އާންމު ބައްދަލުވުމުގައި ސައީދު ބައިވެރިވެ މަޝްވަރާކޮށްގެން އައިސްޕްލާންޓް ގަންނަން ނިންމި އެވެ. ފެނަކައިން އަމިއްލަ އަށް މާމެންދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން އެ ބައްދަލުވުމުގައި ކުންފުނީގެ ބޯޑަށް ސާފުކޮށްނުދެ އެވެ.

އަދި ހަމަ އެ ތާރީހުގައި އައިސްޕްލާންޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެއްބަސްވުމުގެ ދަށުން 11.3 މިލިއަން ރުފިޔާ ކައިޒާން އިންވެސްޓްމަންޓަށް ފެނަކައިން ދެއްކުމަށް މަގުފަހިކޮށްދީ، އެ ފައިސާ އެ ކުންފުންޏަށް ދައްކަން ޖެހޭ ގޮތަށް އެއްބަސްވުން ހަަދައި ސޮއިކޮށްފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%