މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމާއި ރީހެބިލިޓޭޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި އިންޓަރއޭޖެންސީ ފޯރަމް، "ރީވިޒިޓިންގ ގެޕްސް އެންޑް ރިކަވަރީ އިން ދަ ސައުތު" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ސެޕްޓެމްބަރު 6 އިން 7 އަށް ކެނަރީފް ރިސޯޓް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ފޯރަމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމާއި، އެފަރާތްތައް އަލުން އަނބުރާ މުޖުތަމައަށް ނެރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ކަމާ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އިންތިޒާމުކުރެވުނު ބައްދަލުވުމެކެވެ.

މި ފޯރަމް ނިންމުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ޑްރަގް ކޯޓާއި، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަދި ސައުތު ޕޮލިހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، މި ފޯރަމުގައި ސައުތު ފޮލިހާއި، ޑްރަގް އެންފޯސްމަންޓާއި، އެންޑީއޭ، ޑްރަގް ކޯޓު، ޕީޖީ އޮފީސް އަދި ގިރިންދާ ޖަމުއިއްޔާގެ ފަރާތުން އަމަލީގޮތުން ބައިވެރިވެފައިވެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފޯރަމުގެ ތެރެއިން، ދެކުނުގެ ސަރަހައްދުގައި މަސްތުވާތަކެތީގެ ފަރުވާއާއި، ރިހެބިލިޓޭޝަން އަދި ރިކަވަރީ މަރުހަލާގައި ކުރިމަތިވާ ދަތިތަކާއި ހުރަސްތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި ހިޔާލު ބަދަލުކުރެވުނެވެ. އަދި ކަމާބެހޭ މުއައްސަސާތަކުގެ މަސައްކަތްތައް އެއް މިސްރާބަކަށް ބައްޓަންކޮށް، އެކި އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އެހީތެރިކަން އިތުރުކުރެވޭނެ ގޮތްތަކާމެދު ސީދާ މަޝްވަރާތައް ވަނީ ކުރެވިފައެވެ.