ހަމާސްގެ ބެލުމުގެ ދަށުގައި ރަހީނުކޮށްފައި ތިބި އިސްރާއީލުގެ 10 މީހުން މިނިވަން ކުރަން ބޭނުންވާކަން ހަމާސް އިން އިއުލާންކޮށްފިއެވެ.
ހަމާސްއިން ނެރުނު ބަޔާނުގައި ބުނީ، އަމާޒަކީ އިސްރާއީލުގެ އަނިޔާވެރިކަމަށް ނިމުމެއް ގެނެސްދީ، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުއްދަ ނުދީ އޮތް އޮތުން ބަދަލުކޮށް، ރައްޔިތުންނަށް ލިބޭ ބޮޑެތި ތަކުލީފުތަކަށް ލުއިތައް ހޯދުމެވެ..
ހުށަހަޅާފައިވާ އެއްބަސްވުމުގެ ތެރެއިން ހަމާސްއިން ޑިމާންޑް ކުރަނީ ޣައްޒާގެ ބޯޑަރުތައް ފުރިހަމައަށް ހުޅުވާލުމާއި، އިތުބާރު ހުރި ބައިނަލްއަގްވާމީ ފަރާތްތަކުގެ ޔަޤީންކަމާއެކު ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށާއި، ހައްދުފަހަނައެޅި އިސްރާއީލުގެ ސިފައިން އެ ސަރަހައްދުން ދުރަށް ދިޔުމެވެ. މި ޝަރުތުތަކާ ނުލައި އަސްލު ސުލްހައެއް ނުލިބޭނެ ކަމަށް ހަމާސް އިން ފާހަގަކުރެއެވެ.
އެ ބަޔާނުގައި އިސްރާއީލުން ކުރިއަށް ގެންދާ ޖަރީމާތައް ކުށްވެރިކޮށް، ޓެލް އަވީވް އިން ގަސްތުގައި ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައި، އާންމުންނަށް ޓާގެޓްކޮށް ޙަމަލާދީ ބޮން އަޅާކަން ފާހަގަކޮށްފައިވެސް ވެއެވެ.
ހަމާސްއިން ބުނީ އިސްރާއީލާއި ދެކޮޅަށް އެ ޖަމާޢަތުން ހަނގުރާމަކުރަނީ ޙައްޤުގޮތުގައި މިނިވަންކަމާއި ކަރާމާތަށްޓަކައެވެ. "އަޅުގަނޑުމެން މި ހަނގުރާމަ ކުރަނީ އަޅުގަނޑުމެންގެ ރައްޔިތުންގެ މިނިވަންކަމާއި، ސަލާމަތާއި، ކަރާމާތަށްޓަކައި،" ހަމާސްއިން ބުންޏެވެ.