މި ދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އަދި އިންފުލުއެންޒާ ބަލި ޖެހޭ މީހުން އިތުރުވެފައި ވާތީ ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ ބޭރަށް ހިންގުމާއި ހޮޑުލުން އަދި އިންފްލުއެންޒާ ޖެހިގެން ރިޕޯޓް ކުރެވުނު މިންވަރު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ރިޕޯޓްކުރެވިފައިވާ ގޮތާ ގުޅިގެން މިއަދު އެޗްޕީއޭއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ބަލިތައް ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ.
މިދިޔަ މަހު 15 އިން ފެށިގެން މި މަހުގެ ފަހެއްގެެ ނިޔަލަށް ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން މުޅި ރާއްޖެއިން 3،763 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން 2،370 ކޭސް ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ.
ހަމަ އެ މުއްދަތުގައި އިންފުލުއެންޒާ ޖެހިގެން 239 ކޭސް މުޅި ރާއްޖެއިން ރިޕޯޓްކޮށްފައިވެ އެވެ. އަދި މާލެ ސަރަހައްދުން 228 ކޭސް ރިޕޯޓުކޮށްފައިވެ އެވެ.