ހައްދުފަހަނަ އެޅި އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާގެ ބެއިތު ހަނޫން ވަށާލައި މުޅި އެ އަވަށް ހުރިހާ ދިމާލަކުން ބަންދުކޮށްލައިފިއެވެ.
އިސްރާއީލްގެ ދިފާއީ ބާރު (އައި.ޑީ.އެފް) ގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް އެފީ ދެފްރިން މިއަދު ބުނީ ބައިތު ހަނޫނަށް އެއްވެސް ކާނާއެއް ނުވެއްދޭނެ ކަމަށާއި އަދި އެތަނުގައި އުޅޭ އެއްވެސް މީހަކަށް އެތަނުން ބޭރަކަށް ނުނިކުމެވޭނެ ކަމަށެވެ. މިހާރު އައިޑީއެފް އިން ދަނީ ބެއިތު ހަނޫންގެ ގެތަކަށް ވަދެ ލޫޓުވަމުންނެވެ. މި އަވަށަކީ 50،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އަވަށެކެވެ. ދެފްރިން ބުނީ ބެއިތު ހަނޫންގައި ޙަމާސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭ ކަމަށާއި، މިހާރު ހިންގަމުންދާ އޮޕަރޭޝަނަކީ ހަމާސްގެ ބިމުއަޑީގެ ޓަނަލްތަކާއި ބިންގަރާސް ނެޓްވޯކް ނައްތާލުމަށް ހިންގާ އޮޕަރޭޝަނެކެވެ.
ބެއިތު ހަނޫންގައި އިއްޔެ ވަނީ އިސްރާއީލުގެ ޓެރަރިސްޓް ސިފައިންތަކެއް މަރައިލާފައެވެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި އައި.ޑީ.އެފް ގެ ފަސް ސިފައިން މަރާލައި، އިތުރު 14 ސިފައިން ޒަޚަމްކޮށްލާފައި ވެއެވެ. މީގެތެރެއިން ދެ ސިފައިންގެ ހާލު ސީރިއަސް ކަމަށް ވެއެވެ. މިއާއެކު ޣައްޒާގައި އިސްރާއީލުގެ ސިފައިންނަށް ރައްކާތެރި އެއްވެސް ސަރަހައްދެއް ނެތް ކަމަށް އިސްރާއީލުން މިއަދު ވަނީ އިއުތިރާފުވެފައެވެ.
7 އޮކްޓޯބަރު 2023 އިން ފެށިގެން މިހާތަނަށް ޔަހޫދީ 888 ޓެރަރިސްޓް ސިފައިން ވަނީ މަރާލާފައެވެ. މިއަހަރު އެކަނިވެސް 407 ސިފައިން ވަނީ މަރާލާފައެވެ.