މާލެ ސަރަހައްދުގެ ފަސް ސުކޫލަކުން 505 ދަރިވަރަކަށް އެޗްޕީވީ ވެކްސިން ދީފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މާލެ ސަރަހައްދުގެ ބައެއް ސުކޫލުތައް ގުޅިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތަކީ ދުނިޔޭގެ ވެކްސިން ހަފްތާއާ ގުޅިގެން ރޭވުނު ހަރަކާތްތަކުގެ ތެރެއިން ގައުމީ ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިންތަކުގެ ކަވަރޭޖް ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.
މިދިޔަ މަހު ބޭއްވި އެ ހަރަކާތުގައި އިމާދުއްދީން ސްކޫލާއި ސަލާހުއްދީން ސްކޫލާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލާއި އަމީނިއްޔާ ސްކޫލް އަދި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ބައިވެރިވި ކަމަށް މިނިސްޓްރީން ބުންޏެެވެ.
އެޗްޕީވީ ވެކްސިނަކީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ގައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން 10 އަހަރުގެ އަންހެން ކުދިންނަށް ދޭ ވެކްސިނެކެވެ.
އެ ވެކްސިނަކީ ހިއުމަން ޕެޕިލޯމާ ވައިރަސް އިން ޖެހޭ ކެންސަރުތަކުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ.
އެޗްޕީވީ ފެތުރުން މަދުކުރުމަށް ވެކްސިން ޖަހައި, އާބާދީ ބޮޑުކޮށް ކަވަރޭޖް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.