ފަލަސްޠީނުގެ ޣައްޒާގައި ހަރަކާތްތެރިވާ ލުޓޭރުންގެ ގުރޫޕެއް ކަމަށްވާ "ޕޮޕިޔުލަރ ފޯސަސް" ގެ ވެރިޔާ ޔާސިރް އަބޫ ޝަބާބް އަމާން ދިނުމަށް ޣައްޒާގެ ކޯޓަކުން 10 ދުވަހުގެ މުހުލަތެއް ކަނޑައަޅައި، އަމުރުކޮށްފިއެވެ. ޙަމާސްގެ ބާރު ހިނގާ މި ކޯޓުން މި އަމުރު ކޮށްފައިވަނީ، ޕޮޕިޔުލަރ ފޯސަސްއަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް، ޔަހޫދީން މާލީ އެހީތެރިކަން ފޯރުކޮށްދޭ ގުރޫޕެއް ކަމަށް ޙަމާސުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޙަމާސުން ތުހުމަތު ކުރާ ގޮތުގައި، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ފޯރުކޮށްދިނުމަށް އެ ސަރަޙައްދަށް ވައްދާ ކާބޯތަކެތި އަބޫ ޝަބާބްގެ ގުރޫޕުން ދަނީ ފޭރެމުންނެވެ. އަދި ކާބޯތަކެތި ރައްކާކޮށްފައި ހުރި ގުދަންތައް ލޫޓުވަމުންނެވެ. މިއީ ޔަހޫދީންގެ އެހީތެރިކަމާއެކު ހިންގާ ޖަރީމާތަކެއްގެ ގޮތުގައި ޙަމާސުން ސިފަކުރެއެވެ. އަބޫ ޝަބާބަށް މި މުހުލަތު ދީފައިވަނީ، އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާއި ކުރިމަތިލުމުގެ ފުރުޞަތު ދިނުމަށް ކަމަށް ޙަމާސްއިން ބުންޏެވެ.
35 އަހަރުގެ އަބޫ ޝަބާބާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ޚިޔާނަތްތެރިވުމާއި، ޔަހޫދީންނާއި ގުޅިގެން ޖަރީމާތައް ހިންގުމާއި، ޙަމާސާ ދެކޮޅަށް ހަރަކާތްތެރިވާނެ ހަތިޔާރު އެޅި ގުރޫޕެއް އުފެއްދުން ހިމެނެއެވެ. ކޯޓުން އިންޒާރު ދީފައިވަނީ، 10 ދުވަހުގެ މުހުލަތެއްގެ ތެރޭގައި އަމާން ދިނުމަށް އަބޫ ޝަބާބް އިންކާރުކޮށްފިނަމަ، އޭނާގެ ޣައިރުޙާޒިރުގައި ޙުކުމް ކުރާނެ ކަމަށެވެ.
ޕޮޕިޔުލަރ ފޯސަސްއިން ވަނީ ކޯޓުގެ މި ޙުކުމަށް ރައްދުދީ، އެ އަމުރަށް ހަޖޫޖަހާފައެވެ. އެ ގުރޫޕުން ބުނީ، ތިމަންނާމެންނަކީ އެފަދަ އިންޒާރުތަކާއި ޙުކުމްތަކަށް ފަސްޖެހޭނެ ގުރޫޕެއް ނޫން ކަމުގައެވެ.
ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުސްވި ޖޫން މަހު ހާމަކުރެއްވި ގޮތުގައި ޣައްޒާގައި ހަރަކާތްތެރިވާ ކުށްކުރާ ގުރޫޕުތަކަށް ޔަހޫދީން އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. ޒަޔަނިސްޓުންނާއި ފަލަސްޠީނުގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި އޭނާ އިޝާރާތް ކުރެއްވީ ޕޮޕިޔުލަރ ފޯސަސްއަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ގުރޫޕުގައި 100 އެއްހާ މެންބަރުން ހިމެނެއެވެ.
ޕޮޕިޔުލަރ ފޯސަސްއިން ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް) އަށް އެހީތެރިކަން ފޯރުކޮށްދޭކަން އެއްބަސްވެފައެވެ. ޖީއެޗްއެފަކީ ޣައްޒާގެ ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ޔަހޫދީންނާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. ޕޮޕިޔުލަރ ފޯސަސްއިން ހާމަކޮށްފައިވަނީ، އެހީ ބެހުމުގެ ނަމުގައި ޖީއެޗްއެފުން ޤާއިމުކޮށްފައިވާ މަރުކަޒުތަކުގެ ސަލާމަތީ އިންތިޒާމުތައް ބެލެހެއްޓުމުގައި އެ ގުރޫޕުން ހަރަކާތްތެރިވާ ކަމަށެވެ.
ޖީއެޗްއެފަކީ ޣައްޒާގެ ޢާންމު ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި އެ މީހުން ޝަހީދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެއް ކަމަށް ބެލެވެއެވެ. އެ ތަނަށް ކާބޯތަކެތި ހޯދުމަށް ޖަމާވާ މީހުންނަށް ޙަމަލާދީ، ޝަހީދު ކުރުން މިހާރު ވަނީ ޢާންމުކޮށްފައެވެ. ޖީއެޗްއެފް އުފެއްދުމާއެކު، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ޒިންމާތަކުން އދ.އާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތައް ވަނީ އެކަހެރި ކޮށްފައެވެ.
ފަލަސްޠީނުގެ މަސްރަޙު ދިރާސާ ކުރާ ޔޫރަޕިޔަން ކައުންސިލް އޮން ފޮރިން ރިލޭޝަންސްއިން ބުނި ގޮތުގައި، ޕޮޕިޔުލަރ ފޯސަސްއަކީ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙްގައި ހަރަކާތްތެރިވަމުންދާ ހަތިޔާރު އެޅި ގުރޫޕެކެވެ. އެ ފަރާތުން އިތުރަށް ބުނެފައިވަނީ، ޣައްޒާއަށް އެހީ ހިފައިގެން ވަންނަ ލޮރީތައް ހުއްޓުވައި، އެ ގުރޫޕުގެ މެންބަރުން އޭގައި ހުރި ކާބޯތަކެތި ލޫޓުވަމުންދާ ކަމަށެވެ.