އައްޑޫ ސިޓީ މީދޫގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް އައްޑު މީދޫ ދާއިރާގެ ކައުންސިލް މެންބަރު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލް މެންބަރުންނާއި ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުއްޠަލިބް ގެއިތުރުން ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޔާމީން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި، އައްޑޫ މީދޫގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ކައުންސިލް މެމްބަރު އާމިނަތު ސާލިހާ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އައްޑޫ މީދޫ ސަރަޙައްދުގައި ކަނޑައިގެން ގޮސްފައިވާ ވަދު ކަނދުފަތި އަދި ދޮށީގެ ކަނދުފަތީގެ މައްސަލަ ޙައްލުކޮށްދިނުމަށް ސާލިހާ ވަނީ އެދިވަޑައިގެންފައެވެ.
Advertisement

މީގެ އިތުރުން، ހުޅުމީދޫ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެ ސަރަޙައްދުގައި މަސްވެރިކަމުގެ ދާއިރާއިން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
އައްޑޫ މީދޫ ކައުންސިލުން އެދިވަޑައިގެންނެވިގޮތަށް އެ ސަރަޙައްދުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދިނުމަށް ވުޒާރާއިން މަސައްކަތް ކުރައްވާނެ ކަމަށް ސްޓޭޓް މިނިސްޓަރ އަހުމަދު މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.







