ހައްޖުވެރިން ބަލާ ވީހާވެސް މަދު ބަޔަކު އެއާޕޯޓަށް ދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
ހައްޖުން އެނބުރި ރާއްޖެ އައުމަށް ފަހު ސަމާލުވާންވީ ކަންކަމާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމަށް ރޭ ދެއްވި އިންޓަވިއުއެއްގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވީ ހައްޖުން އެނބުރި އަންނަ މީހުންވެސް ރޯގާ ޖެހިގެން އަންނަ ކަމަށްވާ ނަމަ، މާސްކު އަޅަން ވާނެ ކަމަށެވެ. އަދި ހައްޖުން އެނބުރި އަންނަ ފަހުން ރޯގާ ނުފިލާ 14 ދުވަހަށް ވުރެެ ގިނަ ދުވަސް ވާ ނަމަ، ޑޮކްޓަރަށް ދައްކަން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ހައްޖުވެރިން ބަލާ ވީހާ ވެސް މަދު ބަޔަކު އެއާޕޯޓަށް ދިއުމަށް އެޗްޕީއޭ އިން އިލްތިމާސްކުރިއެވެ.
މި އަހަރު ރާއްޖެއިން 1.000 މީހުން ހައްޖަށް ދިޔައެވެ.
ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުއެވެ.
ހައްޖު މޫސުން ނިމި، ހައްޖުވެރިން ރާއްޖެ އައުމާ އެކު ހުމާއި ރޯގާ އިތުރުވެދާނެ ކަމަށް އެޗްޕީއޭއިން އިން ބުންޏެވެ.
ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު އަދި ކޮންސަލްޓެންޓް ފެމިލީ މެޑިސިން ޑރ. އިބްރާހީމް އިޔާޒު ވަނީ ހައްޖުވެރިން އެނބުރި އައުމަށް ފަހު ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތަކުގައި ބައިވެރިނުވުމަށް އިލްތިމާސްކުރައްވާފައެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކުރެއްވި އެވެ.
އެޗްޕިއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް, އާންމު ރޯގާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭގެ ތެރޭގައި އިންފުލުއެންޒާ އާއި އާރުއެސްވީ އަދި ކޮވިޑް ވެސް ހިމެނެ އެވެ.