އުމުރުން 18 އަހަރުވެ، އަމިއްލަ ގެދޮރެއް ނެތް ކޮންމެ މީހަކަށް، "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ގެދޮރު ކަށަވަރުކޮށްދީ އެކަމުގެ ލިޔުން މިއަހަރު ނިމުމުގެ ކުރިން ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، ގޯތި ނުވަތަ ފްލެޓް ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. މިއީ ވަރަށް މުހިންމު ވަޢުދެއްކަމަށާއި، އަމިއްލަ ގެދޮރެއް ނެތް ރައްޔިތަކު ނެތްކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލިޔުން ހަވާލުކުރާއިރު އެމީހަކަށް ގޯތި ނުވަތަ ފްލެޓް ލިބޭ ތަން ޔަގީންކޮށްދެއްވާނެކަމަށެވެ. މާލެ ސަރަޙައްދުގައި ހިއްކާ ބިންތަކުން، އެމީހަކު ޚިޔާރުކުރާ ތަނަކުން ގޯތި ނުވަތަ ފްލެޓް ހަމަޖައްސަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށްވެސް އެ ބީދައިން ގެދޮރުވެރިކަން ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތްތަކަށް ބަލާއިރު، ސިނަމާލެ ހުރި ސަރަޙައްދުގައި 2000 ފްލެޓް، ވިލިމާލޭގައި 500 ފްލެޓް އަދި ހުޅުމާލޭގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެދަށުން ތަރައްޤީކުރާ 4000 ޔުނިޓްވެސް ހިމެނެއެވެ.