ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މާލޭގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެޗްޕީއޭގެ އިސްނެގުމާއެކު، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް އާޓިފިޝަލް ބީޗްގައި އަންނަ ހޮނިހިރު ދުވަހު ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ކޮންމެ އަހަރެއްގެ މެއި މަހު 31 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގަ އެވެ.
މިނިސްޓްރީން ބުނި އެ ދުވަހުގެ ހަވީރާއި ރޭގަނޑު ކުރިއަށް ގެންދާ އެ ހަރަކާތުގައި ކުޑަކުދިންނާ ގުޅޭ ހަރަކާތްތަކާއި ޒުވާނުންނަށް ހާއްސަކޮށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އެ ހަރަކާތް ކުރިއަށް ގެންދާ ވަގުތު އެ ސަރަހައްދުން މޮބައިލް ސިޒޭޝަން ކްލިނިކްގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ހަރަކާތް ކުރިއަށް ގެންދަނީ އައިޖީއެމްއެޗު، ހުޅުމާލެ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް، ޔުނިސެފް، އެސްޓީއޯ، އެންޑީއޭ، މޯލްޑިވްސް ކެންސާ ރިސާޗް ފައުންޑޭޝަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ފުލުހުން، ދަމަނަވެށި އަދި ހެލްތު މިނިސްޓްރީ ގުޅިގެންނެވެ.