ކ. ގުޅީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ އެވެ.
އެމްޓީސީސީން ބުނީ ގުޅީގެ ބިން ހިއްކުމުގެ މަޝްރޫގެ 95 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ މިދިޔަ އެޕްރީލް މަހުގެ ފަސްވަނަ ދުވަހު އެވެ.
ގުޅިއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެ ރަށުގެ ބިން ހައްކައިދެއްވާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ ޖެނުއަރީ މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ވައުދާ އެއްގޮތަށް ގުޅީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހު އެވެ.
އެމްޓީސީސީން ބުނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ގުޅީގައި 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފަ އެވެ.









