އައްޑޫ ސިޓީ މަރަދޫއިން 175 ގޯތި ދޫކުރުމަށް ނިންމައި، އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުގައި މި ފަހަރު ދޫކުރާނީ 1500 އަކަފޫޓުގެ 175 ގޯއްޗެވެ.
ގޯތިތައް ދޫކުރެވޭނީ މަރަދޫގެ އަލަށް ހިއްކާފައިވާ ބިމުން ކަމަށާއި ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ އިޢުލާނުގައި ބުނެފައި ވަނީ ގޯތިތައް ދޫކުރެވޭނީ ދެ ކެޓަގަރީއެއްގެ ދަށުންނެވެ. އެއ:
- ކެޓަގަރީ އޭ: 158 ގޯތި (މަރަދޫގެ ރައްޔިތުންނަށް)
- ކެޓަގަރީ ބީ: 17 ގޯތި (އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް)
ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 މޭ 2025 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. ގޯއްޗަށް އެދި ހުށަހަޅަންޖެހޭނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ފޯމުގެ އަސްލު ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.