އައްޑޫ ސިޓީގެ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫއު، ޗައިނާގެ ހޮންގްކޮންގް ކުންފުންޏެއް ކަމަށްވާ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިމްފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަދި ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގް އެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކް ރޯޑް 4 ލޭނަށް ފުޅާކޮށް، 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނަގައި، ވިނަ ނޮޅައި ސާފުކުރުމާއި، އައު ދުވާރުތައް ހެދުމާއި، މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ އިތުރުން ލޭންތައް ވަކިކުރުމަށް ފާރު ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތް ކުރިއަށްދާނީ މަގު އެއްކޮށް ބަންދުނުކޮށް ކަމަށެވެ.
މި މަޝްރޫއުގެ އިތުރުން މުޅި އައްޑޫ ސިޓީ ހިމެނޭހެން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާއިރު، އޭގެ ތެރޭގައި 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، ސީޓީބީ މަގުތަކާއި ގައު އަތުރާފައިވާ މަގުތަކުގައި ތާރުއެޅުމުގެ އިތުރުން، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުން ހިމެނެ އެވެ.
ގާތްގަނޑަކަށް 23 އަހަރު ވެފައިވާ އައްޑޫގެ ލިންކް ރޯޑަކީ ހިތަދޫއާއި މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަން ގުޅުވައިދޭ މައި މަގެވެ. 2003 ވަނަ އަހަރު ބޭނުންކުރަން ފެށި މި މަގު މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ވަޅުގަނޑުތައް ހެދި، މަގުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ނުރައްކާތެރި އެތައް އެކްސިޑެންޓުތަކެއް ހިނގައި ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ.
މި މަގު އަލުން ހެދުމަށް ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރި އެވެ. އަދި ބޮޑު ސަރަހައްދެއް ސާފުކުރުމަށްފަހު، މިމަހުގެ 7 ވަނަ ދުވަހު އާރްޑީސީ އުވާލަން ސަރުކާރުން ނިންމުމާ ގުޅިގެން އެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުނެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި މަޝްރޫއުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ހަލުވިކޮށް، އެއްކޮށް ނިންމާލުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.









