ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އާ ޓާމިނަލުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތްކުރާ ކަމަށް ކުރިން ވިދާޅުވެފައި ވިޔަސް، ވީހާވެސް އަވަހަކަށް މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުގެ މަތިން ކުރަމުން އަންނަ މަސައްކަތުން މިހާތަނަށް 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ވިއައިއޭގެ އާ ޓާމިނަލުގެ މަސައްކަތް އަވަސްކުރުމަށް މި ސަރުކާރުން އައިފަހުން ވެސް ވަނީ ސައުދީ ފަންޑާއެކު މަޝްވަރާކޮށް އިތުރު ލޯނު އެހީ ވެސް ހަމަޖައްސައިފަ އެވެ.
ސައުދީ ފަންޑުން މި އަހަރު ހަމަޖައްސައިދިން 17 މިލިއަން ޑޮލަރާ އެކު 2016 ވަނަ ފެށި އާ ޓާމިނަލުގެ ޕްރޮޖެކްޓަށް ދިން ފައިނޭންސްގެ އަދަދު 217 މިލިއަން ޑޮލަރަށް އަރަ އެވެ. އެ ޕްރޮޖެކްޓަށް ޖުމްލަ 350 މިލިއަން ޑޮލަރު ހަރަދުކުރެ އެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުތަކުގެ އަޕްޑޭޓް ވެސް ރައީސް މިއަދު ދެއްވި އެވެ.
ރައީސް ވިދާޅުވީ އިންޑިއާގެ އެހީގައި ތަރައްގީ ކުރަމުން އަންނަ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ސެޕްޓެމްބަރު މަހަށް އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ޖުލައި މަހަށް ނިންމޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އެއާޕޯޓު އަޅަން ސަރުކާރުން ނިންމާފައިވާ ރަށްރަށުގައި އެކި ސްޓޭޖުތަކުގައި މި އަހަރު މަސައްކަތްތައް ފަށާނެ ކަމަށާއި އަދި މިހާރު ހުރި އެއާޕޯޓުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.