ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ސަރުކާރުގެ ސްކީމަކުން ފްލެޓެއް ނުވަތަ ގޯއްޗެއް ލިބުނު ނަމަވެސް، އެ ލިބުނު ތަނަކުން އެމީހަކަށް ދިނުން ކަމުގައި .ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ 4000 ފްލެޓްގެ ލިސްޓާ ގުޅޭ ޝަކުވާތައް ބަލައި އެ މަސައްކަތް ނިންމަމުންދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ފްލެޓްތައްވެސް އޭގެ އެންމެ ޙައްޤުވެރިންނަށް ހަވާލުކުރުން ކަމަށާއި މަސައްކަތްތައްވެސް ބައްޓަންކުރައްވާފައި ވަނީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއްވެސް މީހަކަށް ސަރުކާރުން ނުޙައްޤުން ގޯއްޗެއް ނުވަތަ ފްލެޓެއްވެސް ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އުސޫލުތަކާ އެއްގޮތަށް ހޯދާފައިވާ ކޮންމެ ބޯހިޔާވަހިކަމެއް، އޭގެ ޙައްޤުވެރިންނަށް ލިބޭނެކަން ކަށަވަރުކުރައްވާނެ ކަމަށާއި، ނަމަވެސް އުސޫލުން ބޭރުން އޮޅުވާލައިގެން ހޯދާފައިވާ ގޯއްޗާއި ފްލެޓް ނުދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
4000 ފްލެޓްގެ މައްސަލައިގައި ވެސް ޝަކުވާތަކަށް ރިޢާޔަތްކޮށް، ފްލެޓް ލިބޭ މީހުން ވީހާވެސް އަވަހަށް ކަނޑައަޅައި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ފްލެޓްތައް ލިބޭ މީހުން ކަށަވަރުަވަރުވާނީ ޝަކުވާތައް ރިވިއުކުރުމަށްފަހުގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އުންމީދުކުރައްވާ ގޮތުގައި މި ލިސްޓަށް މާބޮޑު ބަދަލެއް ނައިސް، ސްކީމުން ފުރުޞަތު ލިބުނު މީހުންނަށް ފްލެޓް ލިބޭނެއެވެ. އޭސީސީގެ ތަޙުޤީޤަށްފަހު ބުނެފައިވަނީ 4000 ފްލެޓްގެ ލިސްޓަށް ހޮވުނު 59.6% މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމީ 20.7% ފޯމުގައެވެ.
ފަހުން މި ލިސްޓު ރިވިއުކޮށް ސަރުކާރުން ހާމަކޮށްފައިވަނީ ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 4000 މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1820 މީހުންގެ ކަމަށެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި 8000 އަށްވުރެ ގިނަ ޝަކުވާ ހުށަހެޅިފައިވެއެވެ.