މިފަހަރު ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދިން މަސްދަޅު ކޭސް އަދި ލިބިފައި ނުވާ އައްޑޫ ހިތަދޫގެ ގޭބިސީތަކަށް ބެހުމަށް އިތުރު މަސްދަޅު ކޭސް އެ ރަށަށް ފޮނުވައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ ހިތަދޫއަށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދިން މަސްދަޅު ކޭސް ބެހުމުގައި، ބައެއް ގޭބިސީތަކަށް ލިބިފައި ނުވާކަން ފާހަގަކުރެވިފައި ވާތީ، އެ ފަރާތްތަކަށް ބެހުމަށް 518 މަސްދަޅު ކޭސް އިތުރަށް އައްޑޫ ސިޓީ ކައުންސިލަށް މިހާރު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން، ކުރިން މަސްދަޅު ކޭސް ލިބިފައި ނުވާ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް މި މަހުގެ 27 ގެ ނިޔަަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށް ހިތަދޫ އަވަށު އޮފީހުގެ ކުރީގެ ޢިމާރާތުގައި ކުރިއަށް ގެންދާނެ ކަމަށް އެ އިޢުލާނުގައި ބުންޏެވެ.
ގޭބިސީތަކުން މަސްދަޅު ކޭހާ ހަވާލުވުމަށް ދާ މީހުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ކަރަންޓް ބިލު ގެންދިއުމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.
މި ރޯދަމަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުގެ ފަރާތުން ހަދިޔާކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާއިރު، 110،000 އަށް ވުރެ ގިނަ ގޭބިސީތަކަށް މަސްދަޅު ކޭސް ވަނީ ބަހާފައެވެ.









