ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމުގައިވާ ބޯހިޔާވަހިކަމުގެ ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރެއްވި މަސައްކަތުގެ ފޮނިމީރުކަން މިއަދު ރައްޔިތުންނަށް ލިބިއްޖެއެވެ.
ސަރުކާރުން ކޮންމެ ރައްޔިތަކަށް ގެއެއް އަޅައިދިނުމަށްވުރެ ބޯހިޔާވަހިކަމަށް ލޯނު ދިނުން މާ ރަނގަޅުވާނެ ކަމަށާއި އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިތާ މިއަދަށް މިވީ 97 ދުވަހެވެ. 100 ދުވަސް ވާން އަދި 3 ދުވަސް އެބައޮތެވެ.
ޝަރުޠުގެ ސަބަބުން ގެދޮރު އެލުމަށް ކުރިން ލޯނު ނުލިބިގެން އުޅުނު ޒުވާނުންނަށް މިއދު އިރު އެރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްބީއެމްއެލް) އިން ދޫކުރާ ގެދޮރު ގަތުމާއި، އިމާރާތްކުރުމާއި އަދި މަރާމާތުކުރުމުގެ ލޯނުތަކަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ދީފި ކަމުގެ އުފާވެރި ޚަބަރާއި އެކުގައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި އައު ބަދަލުތަކާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުންނާއި ޢާއިލާތަކަށް ގެދޮރުވެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ސަރުކާރުން ދަނީ ރައްޔިތުން ގެދޮރުވެރި ކުރުވުމަށް ނުހަނު ބޮޑެތި ޕްލޭންތައް ކުރަމުންނެވެ. މި އަހަރުގެ ބަޖެޓުގައި ހިޔާވެހި ފައިނޭނެސް ސްކީމްގައި މާލެ ސަރަޙަދު، އަރބަން ސެންޓަރުތައް އަދި ވަކިވަކި ރަށްތަކަށް ދޫކުރާ ލޯނު ހިމެނެއެވެ. އެއީ އަތޮޅުތަކުގެ ރަށްތަކަށް 1 މިލިޔަން ރުފިޔާގެ ކެޕްގެ ލޯނު، އަރބަން ސެންޓަރުތަކަށް ޚާއްސަކޮށް 3 މިލިޔަން ރުފިޔާގެ ކެޕްގެ ލޯނު އަދި މާލެ ސަރަޙައްދުން 6 މިލިޔަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރާނެއެވެ.

އިސްވެ ދެންނެވިހެން، މީގެ 97 ދުވަސް ކުރިން ރައީސް ވިދާޅުވީ ސަރުކާރުން ފްލެޓު އެޅުމަށްވުރެ ރައްޔިތުންނަށް ގެދޮރު މިލްކު ކުރެވޭނެ ގޮތަށް ލޯނު ދޫކުރުމުން ނަތީޖާ މާ ރަނގަޅުވާނެ ކަމަށެވެ.
މި އައު ސްކީމްގެ ދަށުން ގެނެވުނު މުހިންމު ބައެއް ބަދަލުތަކުގެ ތެރޭގައި:
* ގެދޮރު ގަތުމަށް ދޫކުރާ ލޯނުގެ ދަށުން މިހާރު ބިން، ގަރާޖު އަދި ޕާކިންގ ސްޕޭސް ވެސް ގަނެވޭނެއެވެ.
* 3 މިލިއަން ރުފިޔާ އާއި ހަމައަށް ހޭދަކުރަންޖެހޭ ކަންކަމަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު 10 އިންސައްތައަށް ދަށްކުރުން.
* ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 20 އަހަރަށް އިތުރުކުރުން.
* ލޯނު ނެގޭނެ އެންމެ މަތީ އަދަދު 45 މިލިއަން ރުފިޔާއަށް އިތުރުކުރުން.
ރައީސްގެ ވިސްނުންފުޅާއި އެއްގޮތަށް، ގިނަ މީހުން ގެދޮރުވެރި ކުރުވުމަށް ޤައުމީ ބޭންކުން މިހާރު ވަނީ ލޯނު ދޫކުރުމުގައި އޮންނަ ޢާމްދަނީ ލިބޭ މިންވަރު އޮންނަ ޝަރުޠު ވެސް ވަރަށް ބޮޑަށް ލުއިކޮށް، އަމިއްލަ ބޯހިޔާވަހިކަން ކޮންމެ މީހަކަށް ވެސް ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ފުރުޞަތު ހުޅުވާލާފައެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އަޅުއްވާ އަނެއް މުހިންމު ފިޔަވަޅެވެ.









