ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމައި، އަންނަ އަހަރު އެ ސަރަހައްދުގައި ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަކީ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ވިދާޅުވިއެވެ. "ދިމާވި ތަފާތު ދަތިތަކާއެކުވެސް ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ބިން ހިއްކުން ނިންމާ 2026 ވަނަ އަހަރުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުން."
ރަސްމާލެ ހިއްކާ އެތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަކީ ރައީސްގެ ރިޔާސީ ވަޢުދެކެވެ. އަދި އެއީ މި ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން ޖުމުލަ 1,153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ 5 ސަރަހައްދެއް ހިއްކުމުގެ ކުރިން އެ ސަރަހައްދުތަކުގައި ހުރި މުރަކައިގެ ދިރުން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ ފަށާފައި ކަމަށެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢު ކަމަށާއި، މިކަމުން ގިނަ ރައްޔިތުންނަށް ގެދޮރުވެރިކަން ލިބި، މާލޭގެ ތޮއްޖެހުމަށް ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.









