އައްޑޫ ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު ދުވަހު އާންމު ދަތުރުފަތުރަށް ހުޅުވާލަން ނިންމައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެ ބްރިޖު އާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
މަސައްކަތް ނިމުނު ފަހުން، މި ބްރިޖް ހުޅުވާ ނުލައި ގިނަ ދުވަސްތަކެއް ވެފައި ވާތީ އައްޑޫ ސިޓީ ކައުންސިލާއި އާންމުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
މި ބްރިޖަކީ އިންޑިއާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އައްޑޫގެ މަގުތައް ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން ހަދާފައިވާ ބްރިޖެކެވެ. ގާތްގަނޑަކަށް ހަތަރު އަހަރުން މަސައްކަތް ނިމުނު މި ބްރިޖު ހެދީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިންނެވެ.
ހަންކެޑެ ބްރިޖަކީ އިންޓަރަގްރޭޓެޑް ޓޫރިޒަމަށް ހަންކެޑެ ތަރައްގީ ކުރަން ސަރުކާރުން ނިންމާފައި ވާތީ އެ ރަށުގެ ބިމަށް ޖާގަ ހޯދުމުގެ ގޮތުން ލިންކް ރޯޑްގެ ތެރެއިން ހަންކެޑެ އާއި ގައުކެނޑިއާ ދެމެދު މިހާރު އޮތް ބަރިޖްގެ ބަދަލުގައި ހެދި ތަނެކެވެ.
މި ބްރިޖް މިހާރު އޮތީ ގައުކެނޑި އާއި މަރަދޫ ބޮޑުމަގުގެ ކޮޅުން ގުޅޭ ގޮތަށެވެ.
ހަތަރު ލޭން ހިމެނޭ މި ބްރިޖަކީ ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު ބްރިޖެކެވެ.









